ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކްލަބް ވެލެންސިއާ އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލަނޑެއް ޖެހިޔަނުދީ ހިފަހައްޓައިފިއެވެ.
ދެޓީމުގެ ކުރިމަތިލުން ރޭ ނިމުނީ 0-0 އިން އެއްވަރުވެގެން. ރޭގެ މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާ އުފެއްދީ މާޒިޔާއިންނެވެ. މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އަށް އޭރިޔާ ތެރެއިން ހުސްކޮށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ވެލެންސިއާގެ ކީޕަރު މުހައްމަދު ޝަފީއު ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފައެވެ. ފުރަތަމަ ހާފުގައި ވެލެންސިއާ އިން 18 ވަނަ މިނެޓުގައި އަލީ އަޝްފާގް (ދަގަނޑޭ) ފޮނުވާލި ހަމަލާ މާޒިޔާގެ ކީޕަރު ނިކޮލާ ވުޔަނަކް ވަނީ ފައިން މަތަކޮށްފައެވެ.

ދެ ވަނަ ހާފު ފެށިގެން އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލި ވެލެންސިއާ އިންނެވެ. ސުފިއާން ހަސަން ހާފު މެދުން ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލި ބާރު ބޯޅަ މާޒިޔާގެ ކީޕަރު ވަނީ އަތުން ޖައްސައި ކޯނަރަކަށް ފޮނުވާލައިފައެވެ. މާޒިޔާ އަށް މި ހާފުގައި ބެންޗުން ކުޅެން އެރި އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ލަނޑުޖަހަން ލިބުނު ފުރުސަތުގައި ހުސްކޮށް އޮވެ ބޯޅަ ހިފައިގެން ގޮސް ތިރިތިރިން ފޭދޫ އިއްބެ އަމާޒުކޮށްލި ބޯޅަ ކީޕަރު ޝަފީއު ވަނީ މަތަކޮށްފައެވެ.
މެޗުގެ ފަހުކޮޅު މާޒިޔާ އިން ގިނައިރު ބޯޅަހިފަހައްޓައިގެން މޮޅެއް ކުޅުނުއިރު ވެލެންސިއާ އިން ބޮޑަށް ސަމާލުކަން ދިނީ ޑިފެންސަށެވެ. މި ނަތީޖާއާ އެކު ލީގުގެ ކޮންމެ ޓީމެއް ތިން މެޗު ކުޅުނުއިރު މާޒިޔާ އާއި ވެލެންސިއާ އަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. މާޒިޔާ އަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ.
މިރޭގެ ނަތީޖާ އެކު ލީގުގެ ތިން ވަނަ ހަފްތާގައި ކުޅުނު ހަތަރު މެޗު ވެސް ނިމިފައިމިވަނީ އެއްވަރުވެގެންނެވެ. އެހެންކަމުން ލީގުގެ ތާވަލަށް މާ ބޮޑު ބަދަލެއް ނާދެއެވެ.
ކޮމެންޓު ފޮނުވާ