އެމެރިކާގެ ރައީސްކަމަށް ރިޕަބްލިކަން ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާ، އެމެރިކާގެ ކުރީގެ ރަައީސް ޑޮނަލްޑް ޓްރަމްޕްގެ ރަނިން މޭޓަކަށް އޮހާޔޯގެ ސެނެޓަރު ޖޭޑީ ވެންސް އިޚްތިޔާރު ކުރައްވާފައިވާކަން ޓްރަމްޕް ހާމަކުރައްވައިފިއެވެ.
ޑޮނަލްޑް ޓްރަމްޕް މިކަން ހާމަކޮށްފައިވަނީ އޭނާގެ އަމިއަލްފުޅު ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތު"ގައެވެ.
"ގިނަވަގުތުތަކާއި ފުން ވިސްނުމަކަށްފަހު، އަދި އެހެން އެތައް ބައެއްގެ ހުނަރުވެރިކަމަށް ބެލުމަށްފަހު، އެމެރިކާގެ ނައިބު ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތުމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ވަރުގަދަ ސްޓޭޓް އޮފް އޮހާޔޯގެ ސެނެޓާ ޖޭޑީ ވެންސް ކަމަށް އަޅުގަނޑު ނިންމައިފިން،" ޓްރަމްޕް ޓްރޫތު ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ލިޔުއްވާފައިވެ އެވެ.
މިއަަހަރުގެ ރިޔާސީ އިންތިޚާބުގައި އުމުރުން ދުވަސްވީ ދެބޭފުޅަކު ވާދަކުރައްވަމުން ގެންދަވާއިރު، އުމުރުން އެންމެ 39 އަހަރުގައި ވެންސް ރަނިން މޭޓްކަމަށް އައްޔަން ކުރެވުމުން، މިއިންތިޚާބުގައި ޒުވާނުންނަށް އޭނާ އާ އުއްމީދެއް ގެނެސްދޭނެކަމުގައި ސިޔާސީ ތަޖުރިބާކާރުނމް ވިދާޅުވެއެވެ.
އަދި އަންނަ އަހަރު ކުރީގެ ރައީސް އެނބުރި އޯވަލް އޮފީހަށް ވަޑައިގެންފިނަމަ 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ވެންސް ރޭހުގެ ކުރިޔަށް ވަޑައިގަންނަވާނޭކަމަށްވެސް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
1984 ވަނަ އަހަރު އުފަންވި ސްކޮޓްލެންޑް-އައިރިޝް ދަރިކޮޅުގެ ހުދު ނަސްލަށް، މަސައްކަތްތެރި އާއިލާއަކަށް ނިސްބަތްވާ ވެންސް ތަރުބިއްކުރީ އޭނާގެ މާމައެވެ.
ވެންސް އެމެރިކާގެ މެރިންސްއާ ގުޅިވަޑައިގެން ހަތަރު އަހަރު ވަންދެން އިރާގުގައި މަސައްކަތް ކުރެއްވި އިރު، އޮހާޔޯ ސްޓޭޓް ޔުނިވާސިޓީއަށް ވަޑައިގެން، ޕޮލިޓިކަލް ސައިންސާއި ފަލްސަފާގެ ދާއިރާއިން އޭނާ ޑިގްރީ ހާސިލް ކުރައްވާފައި ވެއެވެ.