މާލޭ މަގުމަތީ ކުނި ބެހެއްޓި މީހަކު މާފަންނު ވިލީ ފުލުހާއި ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖުމެންޓު ޔުނިޓާއި ގުޅިގެން ހޯދައި ފުލުހަށް ހާޒިރުކޮށް ޖޫރިމާނާ ކޮށްފައިވާކަމަސް ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލޭ ސިޓީ ކައުންސިލުން ވަނީ އެމީހާގެ ފޮޓޯވެސް އާންމުކޮށްފައެވެ.
މާލޭ ސިޓީ ކައުންސިލުން ދަނީ މާލޭ މަގުތަކަށް ކުނި ނޭޅުމަށް ތަރުކާރުކޮށް އިލްތިމާސް ކުރަމުންނެވެ.
އަދި އެކައުންސިލުން ދަނީ މާލޭ މަގުތަކަށް އަޅާ ކުނިތައް ނަގާ ސާފުވެސް ކުރަމުންނެވެ.
ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް މާލޭގެ ގިނަ އަދަދެއްގެ ގޭބިސީތައް ސާފުކޮށް މަގުތަކުގެ މައްޗަށް ވަނީ ކުނިތައް ޖަމާކޮށް، ހަޑިކޮށްލައިފައެވެ. ރޯދަމަހަށް ގޭތެރެ ސާފުކޮށް ނެރުނު ތަކެތީގެ ތެރޭގައި ފަރުނީޗަރާއި ގޭގޭގައި ހިފައި ގެންގުޅޭ އެހެން ސާމާނު ހިމެނެއެވެ.
މަގުމައްޗަށް ކުނި އެޅުމުން އުޅަނދުފަހަރު ދުއްވުމަށާއި ޕާކް ކުރުމަށާއި ހިނގާ ބިނގާވެ އުޅުމަށް އިންތިހާ އަށް ދަތިވިއެވެ. މާލެ ތެރެ ހަޑިކޮށްލުމާ ގުޅިގެން މާލެ ސިޓީ ކައުންސިލާއި ވެމްކޯ އިން ވަނީ މާލެތެރެ ސާފު ކުރަން ނުކުމެފައެވެ.