ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް އެމްބެސެޑަ އެޓް ލާޖް މުހައްމަދު ހުސެއިން ޝަރީފް (މުންދު) އަދި އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ކުރީގެ ހެލްތު އަދި ޔޫތު މިނިސްޓަރު ޑރ. އިރުތިޝާމް އާދަމް އައްޔަން ކުރަން ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފި އެވެ.
އެ ދެ ބޭފުޅުންނަށް ރުހުން ހޯދަން ރައީސް މުއިއްޒު މަޖިލިހަށް ފޮނުއްވި ސިޓީ މިއަދު ވަނީ އިއްވަވައިފައެވެ. ދެ ބޭފުޅުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލިހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް މިހާރު ވަނީ ފޮނުވައިފައެވެ. މުންދު އާއި އިރުތިޝާމް އަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމާނީ، ކޮމިޓީގެ މަސައްކަތް ނިންމައި ތަޅުމަށް ފޮނުވުމުންނެވެ.
މުންދު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމު އަދާކުރައްވައިފައެވެ. އޭގެ ފަހުން، ކުރީގެ ރައީސް މުހައްމަދު ވަހީދު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި އިރު، ޔާމީންގެ ސަރުކާރުގައި ސްރީލަންކާ އާއި ޖަޕާންގައި ހުންނަވާ ދިވެހި ސަފީރުކަން ކުރެއްވެވިއެވެ. އިނގިރޭސި ވިލާތުން ތައުލީމް ހާސިލް ކުރެއްވެވި މުންދު ވަނީ އިކޮނޮމިކްސް އަދި ޕޮލިޓިކްސް ދާއިރާއިން ޑިގްރީ އަދި އެންވަޔަރަމަންޓަލް ޕޮލިޓިކްސްގެ ދާއިރާއިން މާސްޓާސް ހާސިލް ކުރައްވައިފައެވެ.
އިރުތިޝާމް ޔޫތު މިނިސްޓަރުކަމާއި ހެލްތު މިނިސްޓަރު ކަން ކުރެއްވީ ޔާމީންގެ ވެރިކަމުގައެވެ. އޭގެ ފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު ކަން އޭނާ ކުރެއްވެވިއެވެ. އިރުތިޝާމް ވަނީ ހެންވޭރު ދެކުނު ދާއިރާ އަށް ވެސް ވާދަކުރައްވައިފައެވެ. އެކަމަކު، އިންތިހާބު އޭނާ އަށް ކާމިޔާބެއް ނުކުރެއްވުނެވެ.
އިރުތިޝާމް، ރައީސް މުއިއްޒަށް ތާއީދު ކުރެއްވެވީ މިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ހިސާބުންނެވެ. އިރުތިޝާމް ވަނީ މިލިޓަރީ އެންޑް ސްޓްރެޓެޖިކް ލީޑަޝިޕްގެ ދާއިރާ އިން އެމެރިކާގެ ކެލިފޯނިއާގެ މެޓްރޮޕޮލިޓަން ޔުނިވަސިޓީން ޕީއެޗްޑީ ހާސިލް ކުރައްވައިފައެވެ.