ޕީޕީއެމްގެ ވެރިކަމުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ޚިޔާނާތުގެ ފައިސާ އެ ޕާޓީ އާއި އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ބަދަލުވެވަޑައިގެން އުފެއްދި ޕީއެންސީ އަށް ނުލިބޭ ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި އަދުރޭ މިގޮތަށް ވިދާޅުވީ، ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނުލިބޭ އެއްވެސް ސިޔާސީ ޕާޓީއެއް ނޯންނާނެ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެފައިވަނިކޮށެވެ.
އަދުރޭ ވިދާޅުވީ، އެ ފައިސާ "އަޅުގަނޑުމެން"ގެ ޕާޓީއަށް ނުލިބޭ ކަމަށާއި، އެކަން ދޮގުކޮށް ބަޔާން ނެރެން ބޭނުން ނުވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އިއްޔެ އަޑުއިވިގެން މި ދިޔައީ ކުރީގެ ނައިބް ރައީސްކަން ކުރެއްވި، އޭގެ ކުރީގައި ޓުއަރިޒަމް މިނިސްޓަރުކަންވެސް ކުރެއްވި ބޭފުޅެއްގެ މައްޗަށް ހިނގަމުންދާ ޝަރީއަތެއްގައި އެބޭފުޅަކު މި ވިދާޅުވަނީ، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ނުލިބޭ އެއްވެސް ސިޔާސީ ޕާޓީއެއް މި ރާއްޖޭގައި ނެތޭ،އެހެންވީމަ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން މި މައްސަލަ އިންސާފުވެރިކަމާއި އެކީގައި ބައްލަވާ ދެއްވަން. އަޅުގަނޑުމެންގެ ޕާޓިއަކަށް ނުލިބޭ". އަދުރޭ ވިދާޅުވިއެެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރުން އަދަބު ދޭން ޖެހެނީ ހަމައެކަނި ކުރީގެ ރައީސް އަބްދުﷲ ޔާމީނަކަށް ނޫނެވެ. މަނީ ލޯންޑްރިންގެ ދައުވާ އުފުލައި ޔާމީނަށް ފަސް އަހަރުގެ ހުކުމެއް އިއްވީ ބޭއިންސާފުން ކަމަށް ވިދާޅުވާ ވާހަކަ އަދުރޭ މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ. އެއާއެކު ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ އިން 37 މިލިއަން ރުފިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތް ކަމުގެ ތުހުމަތު ކަންމަތީ ފިހާރަތަކާއި ހޮޓާތަކުން ވެސް އަޑުއިވިވަޑައިގަންނަވާ ކަމަށެވެ.
ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ބޮޑު ޚިޔާނާތްކަމަށްވާ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުން އޭރުގެ ސަރުކާރުން ގުޅިގެން ހިންގި ޖަރިމާއެއްކަމަށް ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ވަނީ ތުހުމަތުކުރައްވާފަ އެވެ. އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅިގެން އަދީބު މައްޗަށް ދައުލަތުން އުފުލި 7 ދައުވާއަށް އަދީބު ވަނީ އިއުތިރާފުވެޑައިގެންފައެވެ. އަދީބު ޝަރީއަތުގެ މަޖިލީހުގައި ވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅޭ ތަފްސީލުތައް ކިޔާދެއްވާފައެވެ.
ކޮމެންޓު ފޮނުވާ