މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަ ކުރައްވާ ކެނޑިޑޭޓް ގާސިމް އިބްރާހީމްގެ ހަގު އަނބިކަނބަލުން ރާނިޔާ ވޯޓު ލައިފިއެވެ.
ރާނިޔާ ވޯޓު ލާފައިވާ ފޮޓޯއެއް އާއްމު ކޮށްފައި ވާއިރު، ގާސިމްވެސް ވަނީ ވޯޓު ލާފައެވެ. ނަމަވެސް ގާސިމްގެ އަނެއް ތިން އަނބިކަނބަލުން ވޯޓުލާފައިވާ ކަމެއް ސާފެއް ނޫނެވެ. މެންދުރު 12 ޖެހުމާ ހަމައަށް 112,250 މީހުން ވޯޓު ލައިފި. އެއީ 39.75 ޕަސެންޓު މީހުންކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފައިވެއެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފެށިފައި ވާއިރު، ވޯޓުލާ ކިއު ބަންދު ކުރާނީ ހަވީރު 4:00 ގައެވެ. އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދޭ ގޮތުގައި، ލަންޑަން އަދި އަބޫދާބީ ފިޔަވައި އެހެން ހުރިހާ ތަނެއްގައި ވޯޓުލުން ވަނީ ފެށިފައެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ 282،395 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިފައިވެއެވެ. މީގެ ތެރޭގައި އަލަށް ވޯޓުލާ 27000 އަށްވުރެ ގިނަ މީހުން ހިމެނެއެވެ. އަދި ޤާނޫނަށް ގެނެވުނު އިސްލާޙާއެކު މިފަހަރުގެ އިންތިޚާބުގައި ލޯފަން މީހުންނަށް އިތުރު މީހެއްގެ އެހީއަކާއި ނުލާ، އަމިއްލައަށް ވޯޓުލުމުގެ ފުރުޞަތު ވަނީ ލިބިގެންގޮސްފައެވެ.
މި އިންތިޚާބުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި ވޯޓުލުމަށްޓަކާ ޖުމްލަ 574 ފޮށްޓެއް ވަނީ ބަހައްޓާފައެވެ. މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ރާއްޖޭން ބޭރުގެ 5 ޤައުމެއްގައި ވަނީ ވޯޓު ފޮށި ބަހައްޓާފައެވެ. އެއީ ސްރީލަންކާގެ ކޮލަމްބޯއާއި، އިންޑިއާގެ ޓްރެވެންޑްރަމާއި، މެލޭޝިއާގެ ކުއަލަލަމްޕޫރުގެ އިތުރުން އިނގިރޭސިވިލާތުގެ ލަންޑަނާއި، ދުބާއީގައެވެ. އަދި 65 ރިސޯޓަކާއި 5 ޖަލެއްގައި ވޯޓު ފޮށި ބަހައްޓާފައިވެއެވެ.
ކޮމެންޓު ފޮނުވާ