ޝަމްޢާންގެ ތުހުމަތުތައް ފުލުހުން ދޮގުކޮށްފި: "ކޮރަޕްޝަންގެ ހެކި ހުރިކަމަށް ބުންޏަސް ހުށަހަޅާފައެއް ނުވޭ"

ޝަމްޢާންގެ ތުހުމަތުތައް ފުލުހުން ދޮގުކޮށްފި: "ކޮރަޕްޝަންގެ ހެކި ހުރިކަމަށް ބުންޏަސް ހުށަހަޅާފައެއް ނުވޭ"

Author
އަހުމަދު
11 ޖޫން 2026 05:02
0

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަޙީދު ފުލުހުންނާއި ސަރުކާރަށް އަމާޒުކޮށް ކުރެއްވި ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ބުނެ ދިވެހި ފުލުހުންގެ ޚިދުމަތުން އެކަން މިއަދު ދޮގުކޮށްފިއެވެ.

ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޝަމްޢާންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމަކީ ސާބިތު ހެކީގެ މައްޗަށް ބިނާކޮށް، އެއްވެސް ސިޔާސީ ނުފޫޒެއް ނެތި މިނިވަންކަމާއެކު ކޮށްފައިވާ ހުކުމެއް ކަމަށެވެ. ޝަމްޢާންގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނުހައްގު ފައިސާ ހޯދައި މަނީ ލޯންޑަރިންގ ހިންގިކަމުގެ މައްސަލައެވެ.

ތަހުގީގަށް ހޯދިފައިވާ ގޮތުގައި 2025 ވަނަ އަހަރުގެ މާރިޗު މަހުގެ 11 ވަނަ ދުވަހު އަތުލައިގަތް ބިދޭސީއަކު ދޫކޮށްލުމަށް ޝަމްޢާން އަންގަވާފައިވާއިރު، އެކަމުގެ މުގާބިލުގައި 500،000 ރުފިޔާ ދިނުމަށް ވަނީ އެއްބަސްވެފައެވެ. އަދި އެރޭ ދަންވަރު 3:00 ހާއިރު އިމިގްރޭޝަންގެ ދެ މުވައްޒަފަކު ފައިސާ ހުރި ކޮތަޅެއް ހިފައިގެން ޝަމްޢާންގެ އެޕާޓްމަންޓަށް ވަދެފައި ނުކުތްއިރު އެ ކޮތަޅު ނެތްކަން ސީސީޓީވީ ފުޓޭޖްތަކުން ކަށަވަރުވެފައިވެއެވެ. އޭގެ ޖެހިގެން އައި ދުވަހު ޝަމްޢާންގެ ބޭންކް އެކައުންޓްތަކަށް 259,837.35 ރުފިޔާ ޖަމާކޮށްފައިވާކަން ބޭންކް ރެކޯޑުތަކުން ވަނީ ސާބިތުވެފައެވެ.

މީގެ އިތުރުން ފުލުހުން ފާހަގަކޮށްފައިވާ ގޮތުގައި، ޝަމްޢާންގެ ފޯނުގައި ކޮރަޕްޝަންގެ ހެކި ހުރިކަމަށް އޭނާ ދާދިފަހުން މީޑިއާގައި ބުނި ނަމަވެސް، ތަހުގީގުގެ އެއްވެސް މަރުހަލާއެއްގައި ފޯނުގެ ޕާސްވޯޑް ފުލުހުންނަށް ދީފައެއް ނުވެއެވެ. އަދި 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބަންދުން ދޫކޮށްލި ފަހުންވެސް އެފަދަ އެއްވެސް މައުލޫމާތެއް ކަމާބެހޭ އެއްވެސް އިދާރާއަކާ ހިއްސާކޮށްފައެއް ނުވެއެވެ. ފުލުހުން ވަނީ ސިޔާސީ ޕްރޮޕަގަންޑާ ފެތުރުމުގެ ބަދަލުގައި، ކޯޓުގެ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ ޝަރުއީ ނިޒާމުގެ ތެރެއިން އެ މައްސަލަ އިސްތިއުނާފު ކުރުމަށް ޝަމްޢާނަށް ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.