މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެއް މިލިއަނާ ގާތްވެ، މި މަހުގެ މެދުތެރޭގައި އެ އަދަދު ހަމަވާނެކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ރާއްޖެއަށް 981,976 މީހުން ވަނީ އެތެރެވިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 959,100 ފަތުރުވެރިންނާއި، 8,029 ބިޒްނަސް އެރައިވަލްސްގެ އިތުރުން ކްރޫޒްލައިނާތަކުން އައި 14,847 ފަސިންޖަރުންނެވެ. އެހެންކަމުން އެއް މިލިއަން ފަތުރުވެރިން ހަމަވުމަށް ދެން ބޭނުންވަނީ އެންމެ 18,024 މީހުންނެވެ. މިހާރު ފަތުރުވެރިން އަންނަ ނިސްބަތަށް ބަލައި، މި މަހުގެ މެދެއްހާ ހިސާބުގައި އެއް މިލިއަން ހަމަވާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.
މިއަހަރުގެ ފުރަތަމަ ފަސް މަހަށް ބަލާއިރު ފަތުރުވެރިކަމުގެ އެންމެ ކާމިޔާބު ދެ މަހަކީ ޖެނުއަރީ އަދި ފެބްރުއަރީއެވެ. ނަމަވެސް ދުނިޔޭގެ ބައެއް ސަރަހައްދުތަކުގައި ހިނގަމުންދާ ޖިއޯޕޮލިޓިކަލް ހަމަނުޖެހުންތަކާއި އެއާލައިން ރޫޓުތަކަށް އައި ބަދަލުތަކާ ގުޅިގެން، މާޗް އަދި އެޕްރީލް މަހު ފަތުރުވެރިން އައި އަދަދު ވަނީ ފާއިތުވި އަހަރާ އަޅާބަލާއިރު ކޮންމެވެސް ވަރަކަށް ދަށަށް ގޮސްފައެވެ.
ސަރުކާރުން މިއަހަރަށް ކަނޑައަޅާފައިވާ އަމާޒަކީ ޖުމްލަ 2.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ. ލޯ ސީޒަނަށްފަހު އަހަރުގެ ފަހުކޮޅު ފެށޭ ޕީކް ސީޒަނާއެކު މި އަމާޒަށް ވާސިލުވުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ޕްރޮމޯޓްކޮށް ކުރިއެރުވުމަށްޓަކައި 2027 ވަނަ އަހަރަކީ ރާއްޖެއަށް ޒިޔާރަތްކުރާ އަހަރުގެ ގޮތުގައި ފާހަގަކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
ކޮމެންޓު ފޮނުވާ