މޯލްޑިވްސް ޒަކާތު ހައުސްއިން މިއަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ މީހަކަށް 5،500 ރުފިޔާ މިއަދު ޖަމާކޮށްދީފިއެވެ.
މި ފައިސާ ދޫކޮށްފައިވަނީ 1447 ވަނަ އަހަރުގެ ޙައްޖު މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ފަޤީރުންނާއި މިސްކީނުންގެ ލިސްޓުގައި ރަޖިސްޓަރީވެފައިވާ ޖުމުލަ 2،384 މީހުންނަށެވެ. އެގޮތުން މުދަލު ޒަކާތުގެ ފައިސާގެ ގޮތުގައި އެކުޖުމުލަ 13,112,000 (ތޭރަ މިލިއަން އެއްލައްކަ ބާރަހާސް) ރުފިޔާ ވަނީ އެ ފަރާތްތަކުގެ އެކައުންޓުތަކަށް ޖަމާކޮށްދީފައެވެ.
ޒަކާތު ހައުސްއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ބޮލަކަށް ޖެހުނު މިންވަރު ބޮޑުތަނުން އިތުރު އަދަދެކެވެ. އަދި ހަމައެހެންމެ، މިއީ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ރާއްޖޭގައި ބޮލަކަށް ޖެހުނު އެންމެ ބޮޑު ޢަދަދުކަން ވެސް އެ އިދާރާއިން ފާހަގަކުރެއެވެ. މުދަލު ޒަކާތަކީ މީހެއްގެ މިލްކިއްޔާތުގައި ހުރި މުދަލުން ނިޞާބު ހަމަވުމުން، ދީނީ ގޮތުން އަދާކުރުން ވާޖިބުވާ މިންވަރެކެވެ.
ކޮމެންޓު ފޮނުވާ