އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، 2019 އިން 2022 އާ ހަމައަށް ސަރުކާރުގެ ހިލޭ ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ކިޔަވަން ފެށި ދަރިވަރުންގެ ތެރެއިން ކޯސް ފުރިހަމަކޮށްފައިވަނީ ހަމައެކަނި 50 އިންސައްތަ ކަމަށެވެ.
އެމްކިޔުއޭ އާއި ކިޔަވައިދޭ މަރުކަޒުތަކުން ލިބުނު ތަފާސްހިސާބުތަކަށް ބަލާއިރު، މި މުއްދަތުގައި ސްކީމުގައި 11،641 ދަރިވަރުން ބައިވެރިވިއިރު، ކޯސް ނިންމާފައިވަނީ 5،833 ދަރިވަރުންނެވެ. ބާކީ ދަރިވަރުންގެ ތެރެއިން 18 އިންސައްތަ މިހާރުވެސް ކިޔަވަމުން ދާއިރު، 790 ދަރިވަރުން ކޯސް ނުނިންމައި ދޫކޮށްލާފައިވެއެވެ. އަދި 2،779 ދަރިވަރުންގެ މަޢުލޫމާތު ނުލިބޭތީ، އެ ދަރިވަރުން ކޯސް ނިންމިތޯ ކަށަވަރެއް ނުވެއެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ވުޒާރާއިން ފައިސާ ދޫކުރަނީ ކުރިއަށް އޮތް ސެމިސްޓަރަކަށް ނުވަތަ ހަ މަހަށް އެޑްވާންސްކޮށް ކަމުން، ފައިސާ ލިބުނު ކޮންމެ ދަރިވަރަކު ކޯސް ނިންމާފައިވާ ކަމަށް ބެލޭކަށް ނެތެވެ. ކޯސް ނިންމި އަދި ނުނިންމި ދަރިވަރުންގެ ފުރިހަމަ ތަފާސްހިސާބެއް ވެސް ނެތް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ