އައްޑޫ ލިންކް ރޯޑުގެ ބައެއް ހަތަރު ލޭނަށް ފުޅާކޮށް އަލުން ތަރައްގީކުރުމުގެ މަސައްކަތް، ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ހަވާލުކޮށްފިއެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރާ މި މަޝްރޫއުގެ ދަށުން ތަރައްގީކުރާނީ ޑީޓު ބްރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމާ ހަމައަށް އޮންނަ 12.3 ކިލޯމީޓަރުގެ ސަރަހައްދެވެ. އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ކަމަށާއި، ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޒޫ ވެއިޑޮންގް ކަމަށް މިނިސްޓްރީން ބުނެއެވެ. މަޝްރޫއުގެ އަގު އަދި ހާމައެއް ނުކުރެއެވެ.
މީގެ ކުރިން، ވޭތުވެދިޔަ އަހަރުގެ އޭޕްރީލް މަހު، އައްޑޫ ލިންކް ރޯޑާއި އޭގެ ގުޅުންހުރި މަގުތައް ތަރައްގީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަށް ވެސް ހަވާލުކޮށްފައިވެއެވެ. 829.8 މިލިއަން ރުފިޔާގެ އެ މަޝްރޫއުގެ ދަށުން 67.58 ކިލޯމީޓަރުގެ މަގުތަކުގައި ތާރު ނުވަތަ ގާ އަޅައި، ފޭދޫގައި ފެން ހިންދާ ނިޒާމެއް ގާއިމުކުރާނެއެވެ. އެ މަސައްކަތް ނިންމަން ދީފައިވަނީ ތިން އަހަރާއި ނުވަ މަސްދުވަހެވެ.
އައްޑޫގެ ރަށްތައް ގުޅުވާލާ ލިންކް ރޯޑު އެންމެ ފުރަތަމަ ހެދީ 2001 އިން 2003 އާ ދެމެދު، އައިޑީބީ އާއި އޭޑީބީ އިން ނެގި 7.9 މިލިއަން ޑޮލަރުގެ ލޯނަކުންނެވެ.
ކޮމެންޓު ފޮނުވާ