ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް، އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ދާއިމީ މެންބަރުންނަށް ލިބިފައިވާ ވީޓޯގެ ބާރު ނައްތާލުމަށް ގޮވާލައްވައި، ޣައްޒާގައި އިސްރާއީލުން ކުރާ އަމަލުތައް ގަތުލުއާންމެއް ކަމުގައި ބުނެ ކުށްވެރިކުރައްވައިފިއެވެ.
ބުދަ ދުވަހު އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ސަންޗޭޒް ވިދާޅުވީ، ދުނިޔޭގެ ހުރިހާ ސަރަހައްދަކަށް ހަމަހަމަ ތަމްސީލުވުމެއް ލިބޭނެ ގޮތަށް ސެކިއުރިޓީ ކައުންސިލަށް ބަދަލު ގެނެސް، ވީޓޯގެ ހައްގު އުވާލުން މުހިންމު ކަމަށެވެ. އދ. ގެ މަންޝޫރުގެ އުސޫލުތަކާ އެއްގޮތަށް، ކިތަންމެ ބާރުގަދަ ގައުމަކަށް ވިޔަސް އަމިއްލަ މައްސަލައެއްގައި ނިންމުން ނިންމާ ފަރާތަކަށް ނުވެވޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ބައިނަލްއަގުވާމީ ނިޒާމުގެ ބިންގާތަކަށް ކުރިމަތިވާ ނުރައްކާ ބޮޑުވަމުންދާ ކަމަށް އިންޒާރުދެއްވި ސަންޗޭޒް ވިދާޅުވީ، ސުލްހައާއި ދެމެހެއްޓެނިވިކަމާއި އެއްވަރުގެ ފުރުސަތުތަކާ ދެކޮޅަށް ބައެއް ސިޔާސީ ފަރާތްތަކާއި ސަރުކާރުތައް މަސައްކަތްކުރާ ކަމަށާއި، އެއީ ކޮން ފަރާތްތަކެއްކަން ނަން ހާމަކުރާކަށް ނުޖެހޭނެ ކަމަށެވެ.
ރަޝިޔާއާ ދެކޮޅަށް އެޅި ފިޔަވަޅުތަކާއި، އިސްރާއީލަށް ހަތިޔާރު ވިއްކުން ހުއްޓާލި ކަން ފާހަގަކުރައްވައި، އދ. ގެ މަންޝޫރާ ޚިލާފު ކަންތަކާ ދެކޮޅަށް ސްޕެއިނުން ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްފައިވާ ކަމަށް ސަންޗޭޒް ވިދާޅުވިއެވެ. ގައުމުތަކުގެ ގުޅުންތައް ހިންގުމަށް އެންމެ ރަނގަޅު މަގަކީ އެއްބާރުލުން ކަމަށް ވިދާޅުވެ، އދ. އަށް އޮތް އިތުބާރު އަލުން ބިނާކޮށް އެ ޖަމްޢިއްޔާ ވަރުގަދަކުރަން އޭނާ ގޮވާލެއްވިއެވެ.
ކޮމެންޓު ފޮނުވާ