އާ ގަވާއިދުތަކުން ޑޮލަރުގެ އަގަށް ހެޔޮ ބަދަލެއް ނާންނާނެ: ނަޝީދު

އާ ގަވާއިދުތަކުން ޑޮލަރުގެ އަގަށް ހެޔޮ ބަދަލެއް ނާންނާނެ: ނަޝީދު

Author
އަހުމަދު
24 ސެޕްޓެމްބަރ 2026 08:18
0

 

ރިސޯޓުތަކުގެ ޚަރަދާއި އާމްދަނީގެ ތަފުސީލު އެމްއެމްއޭއާ ހިއްސާކުރަން ޖެހުމުން، ވިޔަފާރިތައް ހިންގާ ގޮތް ވާދަވެރިންނަށް ހާމަވެ، ބޮޑެތި ނުރައްކާތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ 40 އިންސައްތަ މާރުކުރަން ސަރުކާރުން އަންގާފައިވާއިރު، ހުރިހާ ޚަރަދެއްގެ ތަފުސީލު އެމްއެމްއޭއަށް ދޭން ޖެހުމަކީ ވިޔަފާރިވެރިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. ވިޔަފާރިއަކީ ފައިދާ ހޯދުމަށް ކުރާ ކަމެއް ކަމަށާއި، އޭގެ އުކުޅުތައް އެހެން މީހުންނަށް ހާމަވުމަކީ ވިޔަފާރިއަށް ބޮޑު ހުރަހެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރުން ގެނައި އާ ގަވާއިދުތަކުން ޑޮލަރުގެ އަގަށް އެއްވެސް ހެޔޮ ބަދަލެއް އައިސްފައި ނުވާ ކަމަށާއި، ކަޅު ބާޒާރުގައި މިހާރުވެސް ޑޮލަރެއް ވިއްކަމުން ދަނީ 20 އާއި 21 ރުފިޔާއާ ދެމެދުގެ އަގެއްގައި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ސަރުކާރުން ކަނޑައަޅާފައިވާ ރޭޓުގައި ފައިސާ މާރުކުރުމަކީ ފައިދާހުރި ކަމަކަށް ނުވާތީ، ރަޖިސްޓްރީކުރެވިފައިވާ މަނީ އެކްސްޗޭންޖްތަކުން ވެސް މިހާރު ގިނައިން ފައިސާ މާރު ނުކުރާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މި ހާލަތުގެ ސަބަބުން ތަކެތީގެ އަގު ދަށަށް ނުދާ ކަމަށާއި، އާންމު ރައްޔިތުންނަށް ކުރިމަތިވާ ދަތިތައް ދުވަހުން ދުވަހަށް ބޮޑުވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.