ސައުދީގެ ގައުމީ ދުވަހު، އިގްތިސާދީ ބައިވެރިވުމަށް ރައީސް ބާރުއަޅުއްވައިފި

ސައުދީގެ ގައުމީ ދުވަހު، އިގްތިސާދީ ބައިވެރިވުމަށް ރައީސް ބާރުއަޅުއްވައިފި

Author
އަހުމަދު
23 ސެޕްޓެމްބަރ 2026 09:58
0

ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުން ހަމައެކަނި ތަރައްގީގެ އެހީއަށް ހަނި ނުކޮށް، އިންވެސްޓްމަންޓާއި ވިޔަފާރީގެ ދާއިރާއަށް ފުޅާކުރަން ރާއްޖެ ތައްޔާރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސައުދީގެ 96 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، 2040 ވަނަ އަހަރު ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހެދުމުގެ އަމާޒު ހާސިލުކުރުމަށް ސައުދީގެ އިންވެސްޓްމަންޓްތަކަށް ފުރިހަމައަށް މަރުހަބާ ކިޔާނެ ކަމަށެވެ. ފަތުރުވެރިކަން، އުމްރާނީ ވަސީލަތްތައް، ބޯހިޔާވަހިކަން، ސިއްހަތު، މަސްވެރިކަން، އިއާދަކުރަނިވި ހަކަތަ އަދި ލޮޖިސްޓިކްސް ދާއިރާތަކުގައި ބޮޑެތި ފުރުސަތުތައް ހުރި ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ސައުދީ ރަސްގެފާނާއި ވަލީއަހުދަށް ތަހުނިޔާ އަރިސްކުރެއްވި ރައީސް، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ތެރެއިން ލިބެމުންދާ އެހީތަކަށާއި ކިންގ ސަލްމާން މިސްކިތަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ޗާޓަރުގައި ސޮއިކުރުމާއި ރިޔާޒުގައި ބާއްވާ "އެކްސްޕޯ 2030″ ގައި ބައިވެރިވުމަކީ ދެގައުމުގެ ގުޅުން ކުރިއަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ސައުދީ ސަފީރު މަތްރަކް ބިން އަބްދުﷲ އަލް-އަޖާލީން އަލް-ދައުސަރީ ވިދާޅުވީ، ރާއްޖޭގެ ތަރައްގީއަށް ސައުދީ ސަރުކާރުގެ އެއްބާރުލުން ކުރިއަށްވެސް ލިބޭނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.