ބިރުދެއްކުމަކަށް އީރާނުން ބޯނުލަނބާނެ: ޕެޒެޝްކިއަން

ބިރުދެއްކުމަކަށް އީރާނުން ބޯނުލަނބާނެ: ޕެޒެޝްކިއަން

Author
އަހުމަދު
23 ސެޕްޓެމްބަރ 2026 09:00
0

 

އެމެރިކާއިން ދައްކާ ބިރުތަކާ ދިމާލަށް އީރާނުން ދުވަހަކުވެސް ބޯނުލަނބާނެ ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެ އެވެ.

އދ. ގެ 81 ވަނަ އާންމު މަޖިލީހުގައި ބުދަ ދުވަހު ކުރެއްވި ތަގުރީރުގައި ރައީސް ވިދާޅުވީ، މިހާރު ހިނގަމުންދާ ހަނގުރާމަ ފެށީ އީރާނުން ނޫން ކަމަށާއި، އީރާނަކީ ޓެރަރިޒަމް ފަތުރާ ގައުމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އީރާނަކީ އެމެރިކާއާއި އިސްރާއީލުގެ ހަމަލާތަކުގެ ޝިކާރައަކަށް ވެފައިވާ ގައުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ތަގުރީރު އައީ، އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އީރާން ދުނިޔޭގެ ޗާޓުން ފޮހެލާނެ ކަމަށް ޓްރަމްޕް ކުރީ ދުވަހު އދ. ގައި އިންޒާރުދެއްވުމަށް ފަހު އެވެ.

ތަގުރީރުގައި ޕެޒެޝްކިއަން ވަނީ ހަމަލާތަކުގައި މަރުވި އީރާނުގެ ކުޑަކުދިންނާއި އާންމުންގެ ފޮޓޯތަކާއި، ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ފޮޓޯ މަޖިލީހަށް ދައްކާލައްވައިފަ އެވެ. ހަނގުރާމައިގެ ކުރީކޮޅު މީނާބްގެ ޕްރައިމަރީ ސްކޫލަކަށް ދިން ހަމަލާއަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ. ރައީސް ވާހަކަ ފެއްޓެވި ވަގުތު، އެމެރިކާގެ ވަފުދުގެ އޮފިޝަލަކު މާލަމުން ނުކުމެގެން ދިޔަ އެވެ.

ބާރުގެ ބިރު ހުއްޓާލައިފިނަމަ ހަމަހަމަ އުސޫލުން މަޝްވަރާކުރަން އީރާނުން ތައްޔާރު ކަމަށް ޕެޒެޝްކިއަން ވިދާޅުވި ނަމަވެސް، އެމެރިކާއިން ކުރީގެ އެއްބަސްވުންތަކާ ހިލާފުވެފައިވާތީ އިތުބާރު ގެއްލިފައިވާ ކަމަށް ވިދާޅުވި އެވެ.

ހަތް މަސް ދުވަހަށްވުރެ ދިގުލައިގެން ދާ މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑު އަސަރުތަކެއް ކުރަމުން ދާއިރު، އީރާނުން ވަނީ ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.