ދިވެހިންނަށް ހާއްސަކޮށްފައިވާ ވިޔަފާރި ދާއިރާތަކުގައި ހަރަކާތްތެރިވާ ބޭރުގެ ކުންފުނިތަކުން އެ ދާއިރާތަކުން ވަކިވާން ދީފައިވާ މުއްދަތު، އަންނަ މަހުގެ 8 ވަނަ ދުވަހު ހަމަވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހަނދާންކޮށްދީފިއެވެ.
ބޭރުގެ އިންވެސްޓްމަންޓްތަކާ ބެހޭ އައު ގާނޫނާއި ގަވާއިދުތަކުގެ ދަށުން، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިއާއި، ކާގޯ، ޖެނެރަލް އަދި ޕަސެންޖާ ސޭލްސް އޭޖެންޓުގެ ހިދުމަތަކީ ބޭރުގެ ފަރާތްތަކަށް ބަންދުކޮށްފައިވާ ދާއިރާތަކެވެ. ކުރިން ދޫކޮށްފައިވާ ހުއްދަތަކުގެ ދަށުން މި ދާއިރާތަކުގައި މަސައްކަތްކުރާ ބޭރު ކުންފުނިތަކުން 8 އޮކްޓޫބަރު 2026 ގެ ނިޔަލަށް އެ ވިޔަފާރިތައް ހުއްޓާލަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ކަމާ ގުޅުންހުރި ކުންފުނިތަކާ އީމެއިލާއި ފޯނުން ގުޅުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އަށް ކުންފުންޏަކާ ގުޅޭ ގޮތް ނުވާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. އެއީ މެގަ ސްޕީޑްލައިނާސް މޯލްޑިވްސް، އެސްލިޓް މޯލްޑިވްސް، އިސޯލާ ކްރިއޭޝަން މޯލްޑިވްސް، ޑީނަމް މޯލްޑިވްސް، ލެމިންޓަންސް ޖެވެލްސް މޯލްޑިވްސް، އެމް.ޔޫ.ކޭ އެޕެރެލްސް، ލެކްޖެމްސް މޯލްޑިވްސް އަދި އޯޝަން ވެލް ގާމެންޓްސްއެވެ. މި ކުންފުނިތަކުގެ ޑިރެކްޓަރުން، ހިއްސާދާރުން ނުވަތަ މަންދޫބުން ލަސްނުކޮށް އިންވެސްޓް މޯލްޑިވްސްއާ ގުޅުމަށް މިނިސްޓްރީން އެދިފައިވެއެވެ.
ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ގަވާއިދަށް ނުފެތޭ ކުންފުނިތަކާމެދު، ބޭރުގެ އިންވެސްޓްމަންޓްތަކާ ބެހޭ ގާނޫނުގެ ދަށުން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓްރީން އިންޒާރުދީފައިވެއެވެ.
ކޮމެންޓު ފޮނުވާ