އިޒްރޭލު މީހުން ރާއްޖެ އައުން މަނާކުރާ މާއްދާ މާނަކުރުމުގައި މަޖިލީހުގައި ޚިޔާލު ތަފާތު ވެއްޖެ

އިޒްރޭލު މީހުން ރާއްޖެ އައުން މަނާކުރާ މާއްދާ މާނަކުރުމުގައި މަޖިލީހުގައި ޚިޔާލު ތަފާތު ވެއްޖެ

Author
އަހުމަދު
18 ނޮވެމްބަރ 2026 12:12
0

 

އިޒްރޭލު މީހުން ރާއްޖެ އައުން މަނާކުރުމަށް އިމިގްރޭޝަން ބިލުގައި ހިމަނާފައިވާ މާއްދާއިން ޑުއަލް ޕާސްޕޯޓް އޮންނަ މީހުން މަނާވޭތޯ ބެލުމުގައި، ސަރުކާރާއި އިދިކޮޅުގެ މެންބަރުންގެ ޚިޔާލު ތަފާތުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހެޅުއްވި ބިލަށް މިއަދު މަޖިލީހުގައި ކުރި ބަހުސްގައި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވީ، އިޒްރޭލު ޕާސްޕޯޓާއެކު އެހެން ޤައުމެއްގެ ޕާސްޕޯޓެއް ވެސް އޮންނަ މީހުން ރާއްޖެ އައުން މި ބިލުން ނުހުއްޓޭނެ ކަމަށެވެ. އިޒްރޭލު ސިފައިންގެ 80 ޕަސެންޓަކީ ޑުއަލް ޕާސްޕޯޓް ހޯލްޑަރުން ކަމަށް ވިދާޅުވެ، މި މަނާކުރުން އޮތީ ހަމައެކަނި ނަމަކަށް ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ. ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވެސް ފާޅުކުރެއްވީ ހަމަ އެ ޚިޔާލެވެ.

ނަމަވެސް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް ވިދާޅުވީ، ރާއްޖެ ވަނުމުގެ ހުއްދަ ނުދެވޭނެ ފަރާތްތަކުގެ ތެރޭގައި ބިލުގެ 46 ވަނަ މާއްދާގެ (މ) ގައި "އިޒްރޭލު ޕާސްޕޯޓް ގެންގުޅޭ ފަރާތްތައް" ހިމަނާފައިވާތީ، އެހެން ޕާސްޕޯޓެއްގައި ވެސް އެފަދަ މީހަކަށް ރާއްޖެއަށް ނުވަދެވޭނެ ކަމަށެވެ. ކުރިން މަނާކުރީ ޕާސްޕޯޓް ކަމަށާއި، މިފަހަރު މަނާކުރަނީ ޕާސްޕޯޓް ގެންގުޅޭ މީހާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވެސް ވިދާޅުވީ، މި ބިލު ގާނޫނަކަށް ވުމުން އިޒްރޭލު މީހުންނަށް ރާއްޖެ އައުމުގެ އެއްވެސް ފުރުސަތެއް ނުލިބޭނެ ކަމަށެވެ.

މީގެ އިތުރުން، މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލުގައި ވެސް، އިމިގްރޭޝަން ގާނޫނުގެ ދަށުން ރާއްޖެ އައުން މަނާ ފަރާތްތަކަށް ރަސްމާލެ ފަދަ އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯންތަކުން ޕްރޮޕަޓީ ގަތުމާއި އިންވެސްޓްކުރުމުގެ ފުރުސަތު ނުލިބޭ ގޮތަށް ކަނޑައަޅާފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.