ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި 4،061 ޒުވާނުންނަށް އެކި ސްކީމްތަކުގެ ދަށުން ލުއި ލޯނު ފޯރުކޮށްދީފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ރައީސް ވިދާޅުވީ، އަންހެން ވިޔަފާރިވެރިންނާއި ޒުވާން ވިޔަފާރިވެރިންނަށް ޚާއްޞަ ސްކީމްތަކާއި ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްޞަ ސްކީމް، އަދި ފަށާ މަދަދު އާއި ތިޖާރާ ރަށު ފަތުރު ސްކީމްތަކުގެ ދަށުން މި ޒުވާނުން ބާރުވެރިކުރެވިފައިވާ ކަމަށެވެ. މި ފަރާތްތަކުން އަމިއްލަ ވިޔަފާރި ފަށައި، ނުވަތަ ހުރި ވިޔަފާރި ވަރުގަދަކުރަމުން ގެންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ ސަރުކާރުން ވަރަށް އިސްކަންދޭ ދާއިރާއެއް ކަމަށް ރައީސް ވިދާޅުވިއެވެ. ސެކްޓަރުގެ ފަރާތްތަކުން ހުށަހެޅި މައްސަލަތަކުގެ ތެރެއިން މުދާ ކްލިއާކުރުމުގައި ދިމާވާ ލަސްކަން ފަދަ ގިނަ ކަންކަން ހައްލުކޮށްދީފައިވާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އެސްއެމްއީ ސެކްޓަރަށް އިތުރު ލުއިތަކެއް ތައާރަފުކުރާނެއެވެ. އެގޮތުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބޭނުމަށް އެތެރެކުރާ ރޯ މެޓީރިއަލްއިން ޑިއުޓީ ނަގާނީ ސުން އިންސައްތަ ރޭޓުގައެވެ. މިހާރު އެއް މިލިއަނުގައި އޮންނަ ޖީއެސްޓީ ޓްރެޝްހޯލްޑް ވެސް 1.5 މިލިއަނަށް މަތިކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ