ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރުކަމަށް ރާއްޖޭގެ ފަރާތުން ކުރީގެ ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު މުހައްމަދުގެ ނަންފުޅު ހުށަހަޅައިފިއެވެ.
ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ، ޑރ. ޖަމްޝީދު ހުށަހެޅުއްވީ ވޭތުވެދިޔަ 12 އަހަރު ތެރޭ ޑަބްލިއުއެޗްއޯގެ ބައިނަލްއަގުވާމީ އިސް މަގާމުތަކުގައި ހިދުމަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅަކަށް ވާތީ ކަމަށެވެ. އިންޑިއާއިން އެމްބީބީއެސް ހައްދަވައި، ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިންއިން މާސްޓާސް ހާސިލުކުރައްވާފައިވާ ޑރ. ޖަމްޝީދަށް ސިއްހީ ހިދުމަތާއި ސިއްހީ ޑިޕްލޮމެސީގައި 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވެއެވެ.
ސަރަހައްދުގެ 10 ގައުމު ބައިވެރިވެގެން ކަނޑައަޅާ މި މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވީ މި މަހުގެ 13 ގައެވެ. ރާއްޖޭގެ އިތުރުން، ބޫޓާނުގެ ކުރީގެ ބޮޑުވަޒީރަކާއި ސިއްހަތާ ބެހޭ ކުރީގެ ވަޒީރަކު ކަމުގައިވާ ސަންގޭ ނެޑުޕް، ނޭޕާލުގެ ބޮޑުވަޒީރުގެ އޮފީހުގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. ސަންގީތާ މިޝްރާ އަދި ސްރީލަންކާގެ ހެލްތު މިނިސްޓްރީގެ ސެކްރެޓަރީ ޑރ. އަނިލް ޖަސިންހޭ ވެސް މި މަގާމަށް ވާދަކުރައްވައެވެ.
ކޮމެންޓު ފޮނުވާ