ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަލީ ސަމީރުގެ ނަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. ރައީސް ފޮނުއްވި ސިޓީ މިއަދުގެ ޖަލްސާގައި އިއްވުމަށްފަހު، މި މައްސަލަ ދިރާސާކުރުމަށް ރިޔާސަތުން ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަންނަ މަހު ރިޓަޔަރ ކުރައްވާތީ މި މަގާމު ހުސްވަނީއެވެ. އެ މަގާމަށް ސަމީރާއެކު ހައި ކޯޓުގެ ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމްވެސް ޝައުޤުވެރިކަން ފާޅުކުރައްވައިފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާ ނަމަށް މަޖިލީހުން ރުހުން ދިނުމުންނެވެ ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ޢައްޔަނުކުރެވެނީ.
ސަމީރު 2011 އިން 2022 އަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވެއެވެ. އޭގެ ކުރިން ސިވިލް ކޯޓުގެ އިސްޤާޟީކަން ކުރެއްވި އޭނާ، ހައި ކޯޓުން ވަކިވެވަޑައިގެންނެވުމަށްފަހު ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމުވެސް އަދާކުރައްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ