ރަސްމާލޭ މަޝްރޫޢާ ގުޅިގެން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަކީ އެއްވެސް ބިންގަލެއް ނެތް ކަންބޮޑުވުންތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާއިން ރައީސް ވިދާޅުވީ، އިސްލާމް ދީނާ ޚިލާފު އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށާއި، ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ނުރައްކާވާ އެއްވެސް އިންވެސްޓްމަންޓެއް ރާއްޖެ ނާންނާނެ ކަމަށެވެ. މަޖިލީހަށް ފޮނުވާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުގައި ރާ ވިއްކުމާއި އޫރުމަސް ވިއްކުމާއި ކެސީނޯ ހެދުމަށް ހުއްދަ ނުދެވޭނެ ކަމަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ރާއްޖެއަށް އިންވެސްޓް ކުރަން އަންނާނީ ދިވެހިންގެ ހަމަތަކާއި އުސޫލުތައް ގަބޫލުކުރާ ފަރާތްތަކެވެ. ރަސްމާލޭގައި އިންވެސްޓްކުރަން ބޭނުންވާ އީގަލް ހިލްސް ކުންފުންޏަށްވެސް މި ހަމަތައް އަންގާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ މަސައްކަތްތަކާ މެދު ސުވާލު އުފައްދާ ފަރާތްތަކުން ކުރިން ބޭރުގެ ސިފައިން ރާއްޖޭގައި ބޭތިއްބުމާއި ކަނޑުގެ ބޮޑު ސަރަހައްދެއް ދޫކޮށްލުން ފަދަ ކަންކަން ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުން ކުރާނެ ކަންކަމާއި ނުކުރާނެ ކަންކަން ވަނީ ސާފުކޮށް ފާހަގަކޮށްފައި ކަމަށާއި، ވޭތުވެދިޔަ ތިން އަހަރުގެ އަމަލުތަކުން އެކަން ފެނިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ