ދެ ދާއިރާއަކުން ބޭރު ކުންފުނިތައް ވިޔަފާރި ހުއްޓާލަން އަންގައިފި

ދެ ދާއިރާއަކުން ބޭރު ކުންފުނިތައް ވިޔަފާރި ހުއްޓާލަން އަންގައިފި

Author
އަހުމަދު
23 ސެޕްޓެމްބަރ 2026 07:22
0

ފޮރިން އިންވެސްޓްމަންޓްގެ އައު ޤާނޫނުގެ ދަށުން ދިވެހިންނަށް އެކަނި ޚާއްޞަކޮށްފައިވާ ދެ ދާއިރާއެއްގައި ހަރަކާތްތެރިވާ ބޭރުގެ ކުންފުނިތަކުން، މި އަހަރުގެ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް އެ ވިޔަފާރިތައް ހުއްޓާލުމަށް، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އަންގައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ޢާންމުކޮށްފައިވާ އައު ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމަންޓްސްގައި، ބޭރުގެ ވިޔަފާރިތަކަށް ބައިވެރި ނުވެވޭ ގޮތަށް، ހަމައެކަނި ދިވެހިންނަށް ޚާއްޞަކޮށްފައިވާ ދާއިރާތަކުގެ ގޮތުގައި ހިމަނާފައި ވަނީ، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި އާއި، ކާގޯ ސޭލްސް އެޖެންޓް (ސީއެސްއޭ)، ޖެނެރަލް ސޭލްސް އެޖެންޓް (ޖީއެސްއޭ) އަދި ޕެސެންޖަރ ސޭލްސް އެޖެންޓް (ޕީއެސްއޭ) ގެ ޚިދުމަތްތަކެވެ. ކުރިން ދޫކޮށްފައިވާ ހުއްދަތަކުގެ ދަށުން މި ދާއިރާތަކުގައި ހަރަކާތްތެރިވަމުންދާ ބޭރުގެ ކުންފުނިތަކުން، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ވިޔަފާރިން އެގްޒިޓްވާން ޖެހޭނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން، ޓްރާންސިޝަން އެރޭންޖްމަންޓްތަކާ ގުޅޭ މަޢުލޫމާތު ދިނުމަށްޓަކައި މިނިސްޓްރީގެ ރެކޯޑުތަކުގައިވާ ފޯނު ނަންބަރުތަކާއި އީމެއިލްތައް މެދުވެރިކޮށް ގުޅަން ކުރި މަސައްކަތުން، އަށް ކުންފުންޏަކާ ގުޅޭ ގޮތް ނުވެފައި ވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ. މި ކުންފުނިތަކުގެ ތެރޭގައި، މެގަ ސްޕީޑްލައިންސް، އެސްލިރ މޯލްޑިވްސް، އައިސޯލާ ކްރިއޭޝަން، ޑެކަމް މޯލްޑިވްސް، ލެމަރޓަންސް ޖުވެލްސް، އެމްޔޫކޭ އެޕެރަލްސް، ލަކްޖެމްސް އަދި އޯޝަން ވެލް ގާމެންޓްސް ހިމެނެއެވެ.

އެހެންކަމުން، މި ކުންފުނިތަކުގެ ޑިރެކްޓަރުންނާއި، ޙިއްޞާދާރުން ނުވަތަ މަންދޫބުން ވީ އެންމެ އަވަހަކަށް އިންވެސްޓް މޯލްޑިވްސްއާ ގުޅައި، ފުރިހަމަކުރަން ޖެހޭ އިދާރީ މަރުހަލާތަކާއި ކޮމްޕްލައިވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.