ދިހަ އަހަރު ކުރިން ހިނގި ސިލްސިލާ މާރާމާރީއެއްގައި، 14 އަހަރުގެ ފާތިރު މުހައްމަދު މަރާލި މައްސަލާގައި މ. ކުރިރުއްގޭ އިރުފާން ރުޝްދީގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އިރުފާންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާއެވެ. ޝަރީއަތް ނިންމުމުން ކޯޓުން ކަނޑައެޅީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ ގޮތުގެ މަތިން، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ދައުވާ ސާބިތުނުވާ ކަމަށެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ ޝަރީއަތުގެ ރިޕޯޓު އާންމުކޮށްފައި ނުވާތީ، ހުކުމުގެ ތަފްސީލީ ސަބަބުތައް ސާފެއް ނުވެއެވެ.
ގެއްލުވާލި މީހުންނާއި މަރާލި މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ހޯދުމަށް އިޢުލާންކުރި އިރުފާން، 2015 ވަނަ އަހަރު ރާއްޖެއިން ބޭރަށް ދިޔަ ފަހުން ރަސްމީކޮށް ރާއްޖެ އައިސްފައި ނުވި ނަމަވެސް، 2016 ވަނަ އަހަރު ހިނގި މަރުގެ ސީނުން އޭނާ ފެނިފައިވާ ކަމަށް ކޮމިޝަނުގެ ރެކޯޑުތަކުން ދައްކައެވެ.
އިރުފާން ހައްޔަރުކުރެވުނީ، ގދ. ތިނަދޫއާ 15 މޭލު ދުރުން ޕެޓްރޯލް ހުސްވެގެން އުޅުނު "ބުލޫވޭވް" ލޯންޗު އެމްއެންޑީއެފުން ތިނަދޫއަށް ގެނެސް ބެލިބެލުމުގައެވެ. ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން ލޯންޗުގައި ތިބި ހަތަރު މީހުން ފުލުހުންނަށް ހަވާލުކުރުމުން، އޭގެ ތެރޭގައި އިރުފާން ހުރިކަން ކަށަވަރުވިއެވެ.
ކޮމެންޓު ފޮނުވާ