ރ. ވާދޫގެ ސްކޫލް ކުދިންގެ ތެރޭގައި ނުބައި އަމަލުތައް އިތުރުވަމުން އަންނަތީ، ރޭގަނޑު ކާފިއު ފަދަ އިންތިޒާމަކާއެކު ހަރުކަށި ފިޔަވަޅުތަކެއް އަޅަން ވާދޫ ކައުންސިލުން ނިންމައިފިއެވެ.
ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ކައުންސިލުން ބުނީ، ކުށުން ސަލާމަތް، ޒިންމާދާރު މުޖުތަމަޢެއް ބިނާކުރުމަކީ ކައުންސިލުގެ މައިގަނޑު އަމާޒެއް ކަމަށާއި، ރަށުގެ ބައެއް ދަރިވަރުންގެ ފަރާތުން ވަނީ ކަންބޮޑުވާންޖެހޭ ސުލޫކު ފާހަގަކުރެވިފައި ކަމަށެވެ.
ކައުންސިލުން ހާމަކުރި އިރުޝާދުތަކުގެ ތެރޭގައި، ރޭގަނޑު 9:00 ގެ ފަހުން ބެލެނިވެރިއަކު ނެތި ކުދިން ބޭރުގައި ހުރުމާއި، އިރު އޮއްސުމަށްފަހު ސަރަހައްދުތަކާއި ޕާކުތަކާއި ތަރައްޤީކޮށްފައިވާ ގޮނޑުދޮށްތަކާއި ކުޅިވަރު ދާއިރާތައް ބޭނުންކުރުން ހިމެނެއެވެ. އަދި ނަމާދު ވަގުތުތަކުގައި ކުޅިވަރު ކުޅުމާއި، ބެލެނިވެރިއަކު ނެތި ގޮނޑުދޮށަށް ދިއުމާއި ރަށުން ބޭރަށް ދަތުރުކުރުން ވެސް މަނާކޮށްފައިވެއެވެ. އުޖޫރައަށް މަސައްކަތްކުރުމާއި އުމުރާ ނުގުޅޭ ކަންކަމުގައި ބައިވެރިވުމާއި، ދުންބުއިމާއި ގަނެވިއްކުމުގެ މުޢާމަލާތްތަކުން ވެސް ކުދިން ދުރުހެލިވުމަށް ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ.
މި އިރުޝާދުތަކާ ހިލާފަށް އަމަލުކުރާ ދަރިވަރުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ކައުންސިލުން ބުނެފައިވާއިރު، ކުދިންގެ ކަންތައްތަކުގައި އިތުރަށް ސަމާލުވުމަށް ބެލެނިވެރިންނަށް ވެސް ގޮވާލާފައިވެއެވެ.
ކޮމެންޓު ފޮނުވާ