ސޯޝަލް މީޑިއާގައި އިސްލާމްދީނާ ދެކޮޅަށް ކުރި ޕޯސްޓެއްގެ ސަބަބުން ސައޫދީ އަރަބިއްޔާގައި މަރުގެ ހުކުމް އިއްވާފައިވާ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ އަނޯޖަން ސިވަރާސާގެ ފުރާނަ ސަލާމަތްކުރުމުގެ މަސައްކަތަށް އެހީތެރިވެދެއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
މި މައްސަލާގައި ޑިޕްލޮމެޓިކް ގޮތުން ކުރާ ފުރަތަމަ މަސައްކަތެއްގެ ގޮތުން، ލަންކާގެ ޕްރެޒިޑެންޓްސް ކައުންސެލް ފައިޒަރު މުސްތަފާ އާއި ޕްރެޒިޑެންޓްސް ކައުންސެލް އުޕުލް ކުމާރައްޕެރުމާ މިއަދު ރާއްޖެ ވަޑައިގެން ނަޝީދާ ބައްދަލުކުރެއްވިކަމަށް ނިއުސްވަޔާ ލަންކާ ނޫހުން ރިޕޯޓްކޮށްފައިވެއެވެ.
މި ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ލަންކާ ސަރުކާރުން ނެރުނު ބަޔާނެއްގައިވާ ގޮތުން، މުސްލިމުންނާ ބެހޭގޮތުން ސިވަރާސާ ދެއްކި ވާހަކަތަކުގެ ނުރައްކާތެރިކަން ނަޝީދު ބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ. ނަމަވެސް، އިންސާނީ ކަރާމާތުގެ މައްޗަށް ބަލައި އެ ޒުވާނާގެ ފުރާނަ ސަލާމަތްކުރުމަށް އެހީތެރިވެދެއްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މުސްތަފާ އާއި ކުމާރައްޕެރުމާ ސައޫދީ އަރަބިއްޔާއަށް ފޮނުވާ ހާއްސަ މަންދޫބުންގެ ގޮތުގައި ހަމަޖެއްސިކަން ލަންކާ ޕާލަމެންޓުގައި އިއުލާންކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ވިޖިތަ ހޭރަތެވެ. އެ ބޭފުޅުން މި މިޝަން ކުރިއަށް ގެންދަވަނީ ލަންކާގެ ރައީސާއި ފޮރިން މިނިސްޓަރުގެ ސީދާ އިރުޝާދުގެ ދަށުން ކަމަށާއި، މި ދަތުރުތަކުގެ ޚަރަދު ކުރައްވާނީ ސަރުކާރުގެ ފައިސާއިން ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނަޝީދާ ބޭއްވި ބައްދަލުވުން ކާމިޔާބު ކަމަށާއި، ކައިރި މުސްތަގުބަލެއްގައި ސައޫދީ އަރަބިއްޔާއަށް ދަތުރުފުޅެއް ކުރެއްވުމަށް ނަޝީދު ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވާ ކަމަށް ކުމާރައްޕެރުމާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ