ޣައްޒާ އަލުން ބިނާކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ހަ މަހުގެ ޕްލޭނެއް ނިއު ޔޯކުގައި އިއުލާންކޮށްފި

ޣައްޒާ އަލުން ބިނާކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ހަ މަހުގެ ޕްލޭނެއް ނިއު ޔޯކުގައި އިއުލާންކޮށްފި

Author
އަހުމަދު
23 ސެޕްޓެމްބަރ 2026 09:05
0

 

ހަނގުރާމައިގައި ހަލާކުވެފައިވާ ޣައްޒާ އަލުން އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރު ހޭދަކުރާ ޕްލޭނެއް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސަތުގައި ހިނގާ "ބޯޑް އޮފް ޕީސް" އިން މިއަދު ހާމަކޮށްފި އެވެ.

ނިއު ޔޯކުގައި ބޯޑުގެ މެންބަރުންނާއި ބޭރުގެ ހިއްސާދާރުން ބައިވެރިވި ބައްދަލުވުމެއްގައި އިއުލާންކުރި މި ޕްލޭނުގެ ދަށުން، ހަ މަސް ތެރޭގައި 66 މަޝްރޫއެއް ހިންގުމަށް ނިންމާފައިވެ އެވެ. މި މަޝްރޫއުތަކުގެ މަގުސަދަކީ ޣައްޒާގެ ރައްޔިތުންނަށް ވަގުތީ ގޮތުން ދިރިއުޅެން ތަންތަން ހޯދައިދީ، އިގްތިސާދު އަލުން ހިނގަން ފެށުމަށް އެހީތެރިވުމެވެ. ބައްދަލުވުމުގައި ޓްރަމްޕްގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި ޖެރެޑް ކުޝްނާ ވެސް ބައިވެރިވެވަޑައިގަތެވެ.

ޣައްޒާއަށް ބޯޑުން ކަނޑައަޅާފައިވާ ހައި ރެޕްރެޒެންޓެޓިވް ނިކޮލާއި މިލަދީނޯފް ވަނީ ޕްލޭނަށް ތާއީދު ދިނުމަށް ގޮވާލައްވާފަ އެވެ. ކަންތައްތައް ވަރަށް ދަތި ނަމަވެސް ކުރިއެރުން ލިބެމުންދާ ކަމަށް ވިދާޅުވި އޭނާ، އިޒްރޭލުގެ އިންތިހާބު ކައިރިވެފައިވާތީ އެ ޤައުމާއެކު ކުރާ މަޝްވަރާތައް ލުއި ނޫން ކަން ވެސް ޤަބޫލުކުރެއްވި އެވެ.

މި ޕްލޭން ހާމަކުރީ އދ. ގެ އާންމު މަޖިލީހަށް ދުނިޔޭގެ ލީޑަރުން ނިއު ޔޯކަށް ޖަމާވެފައިވާ ހަފުތާގައެވެ. ފްރާންސްގެ ރައީސް މެކްރޮން އާއި ތުރުކީގެ ރައީސް އުރުދުޣާން ވަނީ މި ހަފުތާގައި ޣައްޒާގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، އިޒްރޭލު ކުށްވެރިކުރައްވާފަ އެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސްއިން ކުރި ހަމަލާއަށްފަހު އިޒްރޭލުން ފެށި ހަމަލާތަކުގައި، 2025 ވަނަ އަހަރުގެ އޮކްޓޯބަރު ވަންދެން ޣައްޒާގެ 84 ޕަސެންޓް އިމާރާތްތައް ހަލާކުވެ ނުވަތަ ގެއްލުން ލިބިފައިވާ ކަމަށް އދ. ގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. ނަމަވެސް، އަލުން ބިނާކުރުމުގެ ކުރިން ހަމާސްގެ ފަރާތުން ކުރިމަތިވާ ނުރައްކާ މުޅިން ނައްތާލަން ޖެހޭނެ ކަމަށް އިޒްރޭލުން ބުނަމުން ދެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.