ރާއްޖެއަށް 8 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ހައްޔަރުކުރި ފަސް މީހެއްގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ދެ ރައްޔިތުންނާއި ތިން ދިވެހިންނެވެ. އެގޮތުން ހައްޔަރުކުރި އިންޑިއާ ދެ މީހުންނަކީ މުހައްމަދު މުސްތާކް ޖަމާލް (29އ) އާއި ސިރަޖުދީން ރަޝިތާ (26އ) އެވެ. ދެން ހިމެނެނީ ލ. ގަން، މުކުރިމަގު ފޭރުގަސްދޮށުގެ، އަޙްމަދު އަފްރާޙް (33އ) އާއި މާލެ، ހ. ކަހަފަތި، އިލްޔާސް އަޙްމަދު (42އ) ގެ އިތުރުން މާލެ، ގ. ހޭޅި، ޙަސަން ޝަމްޢޫން (36އ) އެވެ.
މި ފަސް މީހުންނަކީ މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތެރޭގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެ ފުލުހުންނާ ހަވާލުކުރި ބައެކެވެ. މަސްތުވާތަކެތި އެތެރެކޮށް، އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ފުލުހުން މި މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މައްސަލައިގެ ތަހުގީގު ކުރިއަށްގެންދިއުމަށްޓަކައި ފަސް މީހުންވެސް 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ