ހަމަލާ ނުދޭން އީރާނުން އެދުނު ކަމަށް ޓްރަމްޕް ދެއްކެވީ ދޮގު ވާހަކައެއް: އީރާން

ހަމަލާ ނުދޭން އީރާނުން އެދުނު ކަމަށް ޓްރަމްޕް ދެއްކެވީ ދޮގު ވާހަކައެއް: އީރާން

Author
އަހުމަދު
02 އޮގަސްޓް 2026 08:25
0

ތެހެރާން (އޮގަސްޓް 2) – އީރާނަށް އިތުރު ހަމަލާތަކެއް ދޭން އެމެރިކާ ތައްޔާރުވަމުންދާތީ އެކަން ހުއްޓާލުމަށް އީރާނުން އެދުނު ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ވާހަކަ އީރާނުން ދޮގުކޮށްފި އެވެ.

އީރާނުގެ މެހްރު ނިއުސް އޭޖެންސީން އާދީއްތަ ދުވަހު، އެ ގައުމުގެ އަސްކަރީ މަސްދަރުތަކާ ހަވާލާދީ ބުނީ ޓްރަމްޕް ދެއްކެވީ "އާ ދޮގެއް" ކަމަށާއި، އީރާނުގެ އަސްކަރިއްޔާ ކޮންމެ ހާލަތަކަށް ވެސް ތައްޔާރަށް ހައި އެލާޓްގައި އޮތް ކަމަށެވެ.

ޓްރަމްޕް ހޮނިހިރު ދުވަހު ވިދާޅުވެފައި ވަނީ އީރާނަށް ހަމަލާ ދޭން އެމެރިކާ "ތައްޔާރު" ކަމަށާއި، ނަމަވެސް ހަމަލާތައް މަޑުޖައްސާލުމަށް އީރާނާއި މެދުއިރުމަތީގެ އެހެން ގައުމުތަކުން އޭނާގެ ކިބައިން އެދިފައިވާ ކަމަށެވެ. އަދި އީރާނާ އެކު އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ ޝަރުތުގައި، ހަމަލާތައް މަޑުޖައްސާލައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީގެ ތެރޭގައި ހޮރްމޫޒް ކަނޑުއޮޅި ވަގުތުން، ފުރިހަމައަށް އަދި އެކީއެކަށް ހުޅުވާލުމާއި، އީރާނުގެ ނިއުކްލިއާ ނުރައްކާ ނިމުމަކަށް ގެނައުން ހިމެނޭ،" ޓްރޫތު ސޯޝަލްގައި ޓްރަމްޕް ލިޔުއްވި އެވެ.

އެހެންނަމަވެސް، މަޝްވަރާތަކާ ގާތް މަސްދަރަކާ ހަވާލާދީ އީރާނުގެ ފާސް ނިއުސް އޭޖެންސީން އާދީއްތަ ދުވަހު ބުނީ "އެމެރިކާއިން އެ ގައުމުގެ އަދާވާތްތެރި އަމަލުތައް ކުރިއަށްގެންދާހާ ހިނދަކު، ހޮރްމޫޒް ކަނޑުއޮޅި އޮންނާނީ ބަންދުކޮށްފައި" ކަމަށެވެ.

ދެ ގައުމުގެ ދެމެދުގައި ފެށުނު ހަނގުރާމައިގެ ފަހުން އީރާނުން އަންނަނީ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފަ އެވެ. އެ ސަރަހައްދު ހުރަސްކުރުމުގެ ކުރިން އުޅަނދުފަހަރުން ހުއްދަ ހޯދުމަށާއި، ޓްރާންސިޓް ފީ ދެއްކުމަށް ވެސް އީރާނުން ވަނީ މަޖުބޫރުކޮށްފަ އެވެ. — އޭއެފްޕީ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.