މިދިޔަ ޖުލައި މަހު ރާއްޖެއަށް 184,735 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 1.9 ޕަސެންޓުގެ ދަށްވުމެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެއަށް 188,304 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިއަހަރުގެ ފުރަތަމަ ދެ މަހު ފަތުރުވެރިންގެ އަދަދު ރެކޯޑް މިންވަރެއްގައި ހުރި ނަމަވެސް، މާޗް މަހުން ފެށިގެން ޖޫން މަހާ ހަމައަށް ކޮންމެ މަހަކުވެސް މިދިޔަ އަހަރުގެ އެ މަހަށްވުރެ ފަތުރުވެރިންގެ އަދަދު ދަށެވެ. ޖެނުއަރީ މަހު 227,403 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ފެބްރުއަރީ މަހު އެ އަދަދު ވަނީ 254,556 އަށް އަރައިފަ އެވެ. ނަމަވެސް މާޗް މަހު 166,616 އަށް، އެޕްރީލް މަހު 152,861 އަށް، މޭ މަހު 142,555 އަށް އަދި ޖޫން މަހު 125,891 އަށް އަދަދު ދަށްވެފައިވެ އެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ 73.1 ޕަސެންޓް ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގައި ކަމަށާއި، 22.5 ޕަސެންޓް ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ ގެސްޓްހައުސްތަކުގައި ކަމަށެވެ.
ކޮމެންޓު ފޮނުވާ