މުދަލު ޒަކާތުގެ ގޮތުގައި ޖޫން މަހު 21.3 މިލިއަން ރުފިޔާ؛ މިއީ ދެގުނައިގެ ކުރިއެރުމެއް

މުދަލު ޒަކާތުގެ ގޮތުގައި ޖޫން މަހު 21.3 މިލިއަން ރުފިޔާ؛ މިއީ ދެގުނައިގެ ކުރިއެރުމެއް

Author
އަހުމަދު
02 އޮގަސްޓް 2026 08:27
0

މި އަހަރުގެ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި، މިއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު ދެގުނައިގެ އިތުރުވުމެއް ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ބުނެފި އެވެ.

ޒަކާތު ހައުސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ ޖޫން މަހު ޒަކާތުގެ ގޮތުގައި ލިބިފައި ވަނީ އެންމެ 10.6 މިލިއަން ރުފިޔާ އެވެ. އެ އަދަދު ދެގުނަ ވެފައި ވަނިކޮށް، މި އަހަރުގެ އޭޕްރީލުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ބަލާއިރު ވެސް ޒަކާތުގެ ގޮތުގައި ލިބިފައި ވަނީ 34.40 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 26.7 މިލިއަން ރުފިޔާއާ އަޅާބަލާއިރު 28.7 ޕަސެންޓުގެ ކުރިއެރުމެކެވެ.

އަހަރުގެ ފުރަތަމަ ބައި ބަލާއިރު ވެސް ޒަކާތު ފައިސާ ލިބުނު މިންވަރު ވަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފަ އެވެ. މި އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި 79.73 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު އެ މުއްދަތުގައި ލިބުނީ 61.6 މިލިއަން ރުފިޔާ އެވެ.

ފައިސާ ބެހުމުގެ ތަފްސީލުތަކަށް ބަލާއިރު، ހަމައެކަނި ޖޫން މަހުގެ ތެރޭގައި 18.8 މިލިއަން ރުފިޔާ ޒަކާތުގެ ބެހެނިވެރިންގެ އެކި ދާއިރާތަކަށް ދޫކޮށްފައި ވެ އެވެ. އޭގެ ތެރެއިން ބޮޑު ބައެއް، އެބަހީ 16.9 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވަނީ ފަގީރުންނާއި މިސްކީނުންގެ ދާއިރާ އަށެވެ.

ޒަކާތު ހައުސްގެ ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު މުދަލު ޒަކާތުގެ ގޮތުގައި ޖުމުލަ 107 މިލިއަން ރުފިޔާ ލިބިފައި ވެ އެވެ. މިއީ 2024 ވަނަ އަހަރު ލިބުނު 102 މިލިއަން ރުފިޔާއާ އަޅާބަލާއިރު ފަސް ޕަސެންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ބެހީ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ މީހަކަށް 5،000ރ. ގެ މަގުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.