ވޭވަށު ކައުންސިލްގެ އިންތިހާބު ކާމިޔާބުކުރީ އަހުޝަމް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި

ވޭވަށު ކައުންސިލްގެ އިންތިހާބު ކާމިޔާބުކުރީ އަހުޝަމް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި

Author
އަހުމަދު
11 ޖޫން 2026 05:01
0

މ. ވޭވަށު ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިހާބުގެ ނަތީޖާއާ ގުޅިގެން ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށް، އެމްޑީޕީގެ ކެންޑިޑޭޓް އަހުޝަމް ނައީމަށް ކައުންސިލްގެ ގޮނޑި ކަށަވަރުކޮށްދީފިއެވެ.

މި މައްސަލަ ފެށިގެން އައީ އިންތިހާބުގައި ބޭނުންކުރި ތިން ވޯޓު ކަރުދާހެއްގައި ދެލިތިކިތަކެއް ހުރުމުން، އެއީ ބާތިލް ވޯޓުތަކެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ޕީއެންސީގެ ޓިކެޓުގައި ވާދަކުރި ކެންޑިޑޭޓް މުހައްމަދު ނަޒީހުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުމުންނެވެ. އިންތިހާބުގެ އަސްލު ނަތީޖާއަށް ބަލާއިރު އަހުޝަމް ކުރި ހޯއްދެވީ އެންމެ ދެ ވޯޓުގެ ތަފާތުން ކަމަށްވާއިރު، އިލެކްޝަންސް ކޮމިޝަނުން އޭރު ނިންމާފައި އޮތީ އެ ދެލިތިކިތަކަކީ ޕްރިންޓިންގެ ސަބަބުން ހުރި ކަމަކަށް ވާތީ އެ ވޯޓުތައް ސައްހަވާނެ ކަމަށެވެ. ނަމަވެސް ހައި ކޯޓުން ފަހުން ވަނީ އެއީ ވޯޓުގެ ސިއްރުކަން ގެއްލޭ ފަދަ ކަމެއް ކަމަށް ކަނޑައަޅައި، އެ ވޯޓުތައް ބާތިލްކޮށް، ނަޒީހު އިންތިހާބުވި ކަމަށް ހުކުމްކޮށްފައެވެ.

ހައި ކޯޓުގެ މި ނިންމުން އަހުޝަމްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށްފައެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވަނީ، ވޯޓު ކަރުދާސް ޗާޕުކުރާއިރު ހުންނަ ކުދި ދެލިތިކިތަކާއި ކުނޑިތައް އެއްކޮށް ނައްތާލުމަކީ މުސްތަހީލު ކަމެއް ކަމަށެވެ. އަދި އެފަދަ ކުދިކުދި ކަންކަމާ ގުޅިގެން ވޯޓު ބާތިލްކުރަން ފަށައިފިނަމަ، މުޅި އިންތިހާބީ ނިޒާމަށް އިއާދަނުކުރެވޭނެ ފަދަ ގެއްލުންތަކެއް ލިބި، ކުރިމަގުގައި ބާއްވާ އިންތިހާބުތަކުގެ ވޯޓު ކަރުދާސްތައް ބާތިލްކުރުމަށް ހުޅުވޭ ނުރައްކާތެރި ދޮރަކަށް އެކަން ވެދާނެ ކަމަށްވެސް އެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

ފަނޑިޔާރު އަބްދުﷲ ހަމީދު ރިޔާސަތު ބެލެހެއްޓެވި އަދި ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ސަލީމް ހިމެނިވަޑައިގަންނަވާ ބެންޗުން ނިންމެވީ ހައި ކޯޓުގެ ނިންމުމަކީ ގާނޫނީ އަދި ޝަރުއީ ހަމަތަކާ ހިލާފު ނިންމުމެއް ކަމަށެވެ. ސުޕްރީމް ކޯޓުގެ މި ނިންމުމާއެކު، އިންތިހާބުގެ އަސްލު ނަތީޖާ ދެމިއޮވެ، މ. ވޭވަށު ކައުންސިލްގެ ރައީސްކަން އަހުޝަމްއަށް ވަނީ ޔަގީންވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.