ތިނަދޫ ރައްޔިތުން މިސަރުކާރަށް ވޯޓުދޭން ޖެހޭ އެންމެ ސަބަބެއްވެސް ނެތް: ސައުދު

ތިނަދޫ ރައްޔިތުން މިސަރުކާރަށް ވޯޓުދޭން ޖެހޭ އެންމެ ސަބަބެއްވެސް ނެތް: ސައުދު

މިސަރުކާރުން ވެރިމަށް އައުމަށްޓަކައި ތިނަދޫ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ނުފުއްދި އަނެއްކާވެސް ދެވަނަ ދައުރެއް ހޯދުމަށް ތިނަދޫ ރައްޔިތުން ކައިރިއަށް އަންނައިރު، މިސަރުކާރަށް ތިނަދޫ ރައްޔިތުން ވޯޓު ދޭންޖެހޭ ހަމަ އެންމެ ސަބަބެއްވެސް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ސައުދު ވިދާޅުވެއްޖެއެވެ.

މިރޭ ތިނަދޫގައި ބޭއްވި ޖަލްސާގައި ޑރ.މުއިއްޒުއަށް ތާއީދުކުރިކަން ހާމަކޮށް ޕީޕީއެމްއާއި އަލުން ގުޅުނު ސައުދު ވިދާޅުވީ ރާއްޖެ މިހާރު އޮތް ހާލަތުން ހެޔޮ މިސްރާބަކަށް ގެންދެވޭނެ ހަމައެކަނި ވެރިއަކީ ޑރ.މުއިއްޒު ކަމަށެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް ނުދެކޭހާ ހިންގުން ދޯދިޔާ، އެއްވެސް ހަމައެއް ލަމައެއްނެތި ހިނގަމުންދާ ސަރުކާރެއްކަމަށް ސައުދު ވިދާޅުވިއެވެ.

މިސަރުކާރުން ވެރިކަމަށް އައުމަށް ތިނަދޫ ރައްޔިތުންނަށް އެތައް ވައުދެއްވެ ކުލަހުވަފެން ދެއްކިކަމަށް ސައުދު ވިދާޅުވިއެވެ. ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމާއި، ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވުމާއި، އެއާޕޯޓް ތަރައްޤީ ކުރާނެކަމަށް ވައުދުވެ މިއިން އެއްކަމެއްވެސް ނުވިކަމަށް ސައުދު ވިދާޅުވިއެވެ. އަދި ތިމަންނާ ދެން ތިނަދޫއަށް އަރާނީ ސިޓީއެއްގެ ދަރަޖަ ދީފައިކަމަށް ވިދާޅުވި ބޭފުޅާއަށް އެކަންވެސް ނުކުރެވުނު ކަމަށް ސައުދު ވިދާޅުވިއެވެ.

ސައުދުު ވިދާޅުވީ މިސަރުކާރުން ވެރިކަމަށް އައީ ކުރީގައި ކަންކަން ހިނގާދިޔަގޮތް ގޯސްވެގެން އެކަންކަން ރަނގަޅު ކުރުމަށް ކަމަށެވެ. ނަމަވެސް ފެނިގެން ދިޔައީ މުޅި ނިޒާމު ބޮއްސުންލައި އާދައިިގެން ކުންފުންޏެއްގެ ހިންގުމަށްވުރެވެސް ދައުލަތުގެ ހިންގުން ދޯދިޔާވެގެން ދިޔަތަން ކަމަށެވެ.

އިންތިޚާބާއި ދިމާކޮށް ތިނަދޫގައި ނުވެސް ފަށާ މަޝްރޫއުތަކަށް އެތަކެއް މުވައްޒިފުން ނަގައި މުސާރަދީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަމުންދާކަމަށް ސައުދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއީ މީހުންނަށް ކުލަ ހުވަފެން ދައްކައިގެން ރައްޔިތުން ގުނބޯ ހެއްދޭ ޒަމާނެއް ނޫންކަމަށެވެ. މިސަރުކާރުން ކަންކަން ކޮށްފައިވާ ގޮތުން ތިނަދޫގެ ރައްޔިތުން މިސަރުކާރަށް މިފަހަރު ބޮޑު ތަނުން ނޫނެކޭ ބުނާނެކަމަށް ސައުދު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *