ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންނަށް ބިން ކަނޑައި އެއްބަސްވުމުގައި ސޮއިކުރަން ފަށައިފިއެވެ.
ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ހަވާލުކުރުން ކުރިއަށް ދަނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގަ އެވެ. މިއަދު އެންމެ ފުރަތަމަ ގޯތިތައް ދީފައި ވަނީ ހުޅުމާލެ ފޭސް ދޭއްގެ، ވިނަރެސް ފްލެޓްތަކުގެ ބިތްދޮށުގައި އޮންނަ ހުސް ބިމުންނެވެ. އެއީ 1،200 އަކަފޫޓުގެ 13 ގޯއްޗެވެ. ރަޖިސްޓްރީ ހަވާލުކުރަން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ރަޖިސްޓްރީ ދޫކުރަން ހަމަޖެހިފައި ވަނީ ގްރޫޕުތަކަށް ބަހައިގެން ކަމަށެވެ.
ގޯތި ލިބުނު އާއްމުންނާއި މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން އަކްރަމް ވިދާޅުވީ ސަރުކާރުން ގޯތި ނުދޭނެކަމަށް ބުނެ ފަތުރަމުން ދިޔަ އަޑުތަަކަކީ ހަގީގަތެއް ނޫންކަން މިހާރު އެނގޭނެ ކަމަށެވެ. އެގޮތުން ގޯތިތައް ދީ ނިމެންދެން އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަަމަށް އަކްރަމް ވިދާޅުވިއެވެ.
ގޯތި ލިބިފައިވާ އެންމެންނަށް ގޯތި ދީ ނިމެންދެން ކޮންމެ ދުވަހަކު ވެސް ރަޖިސްޓްރީ ދޫކުރުން އޮންނާނެ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.
ގުޅިފަޅާއި ގިރާވަރު ފަޅުން ވެސް ގޯތި ކެންޑެމުން ދާނެ. ރަޖިސްޓްރީ ވެސް ހަވާލު ކުރެވެމުން ދާނެ. މި ރަޖިސްޓްރީއަކީ ގާނޫނީ ގޮތުން ސައްހަ ރަޖިސްޓްރީއެއް، މިއަކަށް އިތުރު ސުވާލެއް ނުއުފެދޭނެ. އަޅުގަނޑުމެން މި ރަޖިސްޓްރީ ކޮށްދެމުން މި ދަނީ އެގްރިމެންޓާ އެެއްގޮތަށް. މޮޓޮރައިޒްކޮށްދެއްވަނީ ގާނޫނީ ވަކީލުން.
– އޭނާ ވިދާޅުވިއެވެ.
އެންމެ ފުރަތަމަ ގޯތީގެ އިން ވަކިކޮށް ހަވާލުކޮށްފައިވަނީ 20793، މުހައްމަދު ވިޝާލްއާއެވެ. އޭނާ މީޑިއާއަށް ބުނީ މި ދުވަސް އަންނާނެ ކަމަށް އުންމީދުވެސް ނުކުރާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މި މަޝްރޫއު ކުރިއަށް ގެންދިއުން އެއީ އެދޭ ގޮތް ކަމަށް އޭނާ ބުންޏެވެ. ގޯތި ލިބުނު އެހެން އާއްމުންވެސް ވަނީ އެ މީހުން ތިބީ ވަރަށް އުފަލުން ކަމަށް ބުނެފައެވެ. އަދި މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލުކޮށްދެއްވިކަމަށްޓަކައި ރައީސް ސާލިހަށް އާއްމުން ވަނީ ޝުކުރުވެސް ދަންނަވާފައެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ހުޅުވާލި ފުރުސަތުގައި ޝަރުޠު ހަމަވީ 19639 މީހުންނަށް ގޯތި ލިބުނެއެވެ. އެއީ 9000އަށްވުރެ ގިނަ ބިމެވެ.
— Min.of National Planning, Housing & Infrastructure (@MoNPHImv) August 27, 2023
ބިންވެރިޔާ ސްކީމްގެދަށުން ހުޅުމާލެއިން 1351 ބިން، ގުޅިފަޅުން 2218 ބިން އަދި ގިރާވަރު ފަޅުން 5432 ބިން ދީފައިވެއެވެ. އެއީ ޖުމްލަ 9001 ގޯއްޗެވެ. މި ގޯތި ތަކުގެ ތެރެއިން 1250 އަކަފޫޓާއި 1650 އަކަފޫޓާއި 2050 އަކަފޫޓުގެ ގޯތިތައް ދެއްވާނީ ހުޅުމާލެއާއި، ގުޅިފަޅާއި ގިރާވަރު ފަޅުންނެއެވެ. އަދި 2450 އަކަފޫޓުން ފެށިގެން 4000 އަކަފޫޓާ ދެމެދުގެ ގޯތިތައް ދޫކުރައްވާނީ ހުޅުމާލެއާއި ގުޅިފަޅުންނެވެ.
ކޮމެންޓު ފޮނުވާ