ރާއްޖެއާއި ޗައިނާއާ ދެމެދުވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ރާއްޖެއަށް ފައިދާއެއް ނެތް: މިނިސްޓަރ އަމީރު

ރާއްޖެއާއި ޗައިނާއާ ދެމެދުވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ރާއްޖެއަށް ފައިދާއެއް ނެތް: މިނިސްޓަރ އަމީރު

Author
މުޙައްމަދު ޖިމީ
07 އޮކްޓޯބަރ 2020 11:49
0

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާކަމަށް ބުނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ރާއްޖެއަށް އެއްވެސް ފައިދާއެއް ނުކުރާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވަނީ ދިވެހި ސަރުކާރާއި ޗައިނާއާ ދެމެދު ހަދާފައިވާ ފްރީ ޓްރޭޑް އެގްރިމެންޓްގެ ދަށުން ދިވެހި މަސްވެރިންނަށް ލިބެންޖެހޭ މަންފާތައް ނުލިބެނީ ކީއްވެތޯ ފިނޭންސް މިނިސްޓަރާއި ސުވާލުކު ދަންނަވާފައެވެ.

މިސުވާލަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ ރާއްޖެއާއި ޗައިނާއާއި ދެމެދު ކުރީ ސަރުކާރުން ޤާއިމްކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ގުޅޭ ޤާނޫނުތަކެއް މަޖިލީހުން ފާސްކޮށްގެންކަމަށެވެ. އަދި އެއްބަސްވުމުން ދިވެހި މަސްވެރިންނަށްވެސް ފައިދާއެއް ނުކުރާނެކަމަށްވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

"މިވަގުތު އޮޕަރޭޝަނަލް އެފްޓީއޭއެއް ނެތްކަމަށް އަޅުގަނޑު ދެކެން. މިހާރު އެފްޓީއޭގައި ސޮއިކޮށްފައި އޮތަސް އޮޕަރޭޝަނަލައިޒް ވަނީ މި މަޖިލީހުން އިތުރު ގުޅޭ ޤާނޫނުތަކެއް ހަދައިގެން. އެއީ މިމަޖިލީހުގެ ޒިންމާއެއް. އަދި މިހާތަނަށް ބެލިބެލުމުގައި މަސްވެރިންނަށް މާބޮޑު ފައިދާއެއް ވާނެކަމަކަށް ނުބެލެވޭ." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ރާއްޖެއާއި ޗައިނާގެ އެއްބަސްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، ދެޤައުމުގެ ދެމެދުގައި އެފަދަ އެއްވެސް އެއްބަސްވުމެއް ނެތްކަމަށާއި، އެއްބަސްވުމުގައި ބުނާ މުއްދަތުގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަވެސް ކޮށްފައިނުވާކަމަށެވެ.

"މި އާރޓިކަލްގެ 65 ގައި މިބުނަނީ އެގްރިމަންޓް އުފެއްދޭތާ 30 ދުވަހުގެ ތެރޭގައި މިދެފަރާތުން، ދިވެހިރާއްޖޭގެ ފަރާތުންވެސް ޗައިނާގެ ފަރާތުންވެސް އެތެރޭގައި ހުރި އެގްރިމަންޓްތައް ޤާނޫނުތައް ނިންމާފައި އެ ޤާނޫނުތަކުގެ މަޢުލޫމާތު ދެފަރާތުން ބަދަލުވީމައޭ އެގްރިމަންޓަކަށް ބަދަލުވެގެންދަނީ. ދެފަރާތުން ބަދަލުވީމައޭ އެގްރިމަންތަކަށް ބަދަލުވެގެންދަނީ. އަމަލުކުރާ އެގްރިމަންޓަކަށް ބަދަލުވަމުންދަނީ. ދެފަރާތުން އެއްބަސްވެފައިވާ ވަނީ އެއަށްފަހު އަދި އެތައް މަސައްކަތެއެއކުރާގޮތެއް. ރައީސް ޔާމީން އެއްގޮތަކަށްވެސް ކުޑަކޮށްވެސް މިކަން ކުރިއަށް ގެންދަވަން އެދިވަޑައިނުގަންނަވާ ހުންނަވާތީވެ."

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން މިހާރު ފެންނަން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވެސް 2018 ވަނަ އަހަރު ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.