ޔޫކުރެއިން ހަނގުރާމައަށް އެއް އަހަރު: ރަޝިއާގެ އުދުވާން ކުށްވެރިކޮށް، އެގައުމުގެ ފޭބުމަށް ޔޫއެންއިން ގޮވާލައިފި

ޔޫކުރެއިން ހަނގުރާމައަށް އެއް އަހަރު: ރަޝިއާގެ އުދުވާން ކުށްވެރިކޮށް، އެގައުމުގެ ފޭބުމަށް ޔޫއެންއިން ގޮވާލައިފި

Author
ހުސެއިން
24 ފެބްރުއަރީ 2023 08:06
0

ފާއިތުވި އަހަރުގެ ފެބްރުއަރީމަހުގެ 24 ވަނަ ދުވަހު ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދޭންފެށިތާ އެއް އަހަރު ފުރޭ މުނާސަބަތާއި ދިމާކޮށް، ރަޝިއާއިން ޔޫކުރެއިންއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށާއި އަދި އެގައުމުގެ ސިފައިން ޔޫކުރެއިން ފޭބުމަށް ގޮވާލާ، ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ 141 ގައުމުގެ ތާއީދާއެކީ، ގަރާރެއް ފާސްކޮށްފިއެވެ.

މި ގަރާރުގައި ވަނީ ޔޫކުރެއިންއަކީ މިނިވަން މުސްތަގިއްލު ގައުމެއްކަމަށް ބުނެ، އެގައުމުގެ ސަރަހައްދީ އިމަށް އިހުތިރާމް ކުރުމަށް ރަޝިއާއަށް ގޮވާލާފައެވެ. އަދި އޭގެ އިތުރުން މިމައްސަލާގައި "ދެމެހެއްޓެނިވި ސުލްހައެއް ގާއިމް ކުރުމަކީ" "ބައިނަލްއަގުވާމީ ސުލްހައާއި ސަލާމަތަށް" ވެސް މުހިންމު ކަމެއް ކަމުގައިވެސް މިގަރާރުގައި ބުނެފައި ވެއެވެ.

މިގަރާރަށް ޔޫއެން ޖެނެރަލް އެސެމްބްލީގެ 141 ގައުމަކުން ތާއީދުކޮށްފައިވާއިރު، 32 ގައުމަކުން އެއްވެސް ކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ.

އަދި 7 ގައުމަކުން ގަރާރާ ދެކޮޅަށް ވޯޓު ދީފައި ވެއެވެ. މި ގައުމުތަކުގެ ތެރޭގައި ހިމެނެނީ ރަޝިއާގެ އިތުރުން، އެގައުމުގެ އަވައްޓެރި ބެލަރޫސްއާއި، އުތުރު ކޮރެއާއާއި، އެރިޓްރިއާއާއި، މާލީއާއި، ނިކަރާގުއާއާއި އަދި ސީރިއާއެވެ.

މިގަރާރު ފާސްކުރުމަށް ޔޫއެން ޖެނެރަލް އެސެމްބްލީގައި ނެގި ވޯޓުގައި އެއްވެސް ކޮޅަކަށް ވޯޓު ނުދީ ތިބި ގައުމުތަކުގެ ތެރޭގައި، ސަައުތު އޭޝިއާގެ ބައެއް ގައުމުތައް ހިމެނެއެ އެވެ. އޭގެ ތެރޭގައި، ސްރީ ލަންކާ، ޕާކިސްތާން އަދި އިންޑިއާ ހިމެނެއެވެ. ދިވެހިރާއްޖެއިން ވޯޓު ދީފައިވަނީ މި ގަރާރާއި އެއްކޮޅަށެވެ.

ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕްގައި ހިގަމުންދާ އެންމެ ގެއްލުން ބޮޑު ހަނގުރާމައަށް އެއް އަހަރު ފުރޭ މުނާސަބަތާއި ދިމާކޮށް، މި ހަނގުރާމަ ކުށްވެރިކޮށް ޔޫއެން ޖެނެރަލް އެސެމްބްލީން ފާސްކުރި މި ގަރާރަށް ތާއީދިުކޮށް ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޮޑު އަޢުލަބިއްޔަތެއް ލިބިގެން ދިއުމަކީ، ހަގުރާމައަށް އެއް އަހަރު ފުރިގެން ދާއިރުވެސް، ދުނިޔޭގެ ގައުމުތަކުގެ ވިސްނުމަށް ބަދަލެއް އައިސްފައި ނުވާކަމުގެ ހެއްކެއް ކަމުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ރަޝިއާއިން ޔޫކްރެއިންގެ 4 ސަރަހައްދެއް އަމިއްލަ ކުރުމާއި ގުޅިގެން ފާއިތުވި އަހަރުގެ އޮކްޓޯބަރުމަހުވެސް ޔޫއެންއިން ރަޝިއާގެ އަމަލުތައް ކުށްވެރިކޮށް ގަރާރެއް ފާސްކޮށްފައި ވެއެވެ. އެ ގަރާރަށް ދުނިޔޭގެ 143 ގައުމަކުން ތާއީދުކުއިރު އެފަހަރު 35 ގައުމަކުން އެއްވެސް ކޮޅަކަށް ވޯޓު ދީފައި ނުވެއެވެ. އަދި 5 ގައުމަކުން ގަރާރާ ދެކޮޅަށް ވޯޓު ދީފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.