ރާއްޖެއިން ވޯޓު ދިނީ ރަޝިއާ ސިފައިން ޔޫކުރެއިން ފޭބުމަށް ގޮވާލާ ގަރާރާ އެއްކޮޅަށް

ރާއްޖެއިން ވޯޓު ދިނީ ރަޝިއާ ސިފައިން ޔޫކުރެއިން ފޭބުމަށް ގޮވާލާ ގަރާރާ އެއްކޮޅަށް

Author
ހުސެއިން
24 ފެބްރުއަރީ 2023 12:29
0

ފާއިތުވި އަހަރުގެ ފެބްރުއަރީމަހުގެ 24 ވަނަ ދުވަހު ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދޭންފެށިތާ އެއް އަހަރު ފުރޭ މުނާސަބަތާއި ދިމާކޮށް، އެގައުމުން ޔޫކުރެއިންއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށާއި އަދި ރަޝިއާ ސިފައިން ޔޫކުރެއިން ފޭބުމަށް ގޮވާލާ، ޔޫއެން ޖެނެރަލް އެސެމްބްލީން ފާސްކުރި ގަރާރާ އެއްކޮޅަށް ރާއްޖެއިން ވޯޓު ދީފިއެވެ.

ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދޭންފެށިތާ އަހަރު ފުރޭ ދުވަހާ ދިމާކޮށް، ހުޅަނގުގެ ގައުމުތަކުން ސްޕޮންސަރ ކޮށްގެން ޔޫއެން ޖެނެރަލް އެސެމްބްލީއަށް ހުށަހެޅި މި ގަރާރުގައި ވަނީ ޔޫކުރެއިންއަކީ މިނިވަން މުސްތަގިއްލު ގައުމެއްކަމަށް ބުނެ، އެގައުމުގެ ސަރަހައްދީ އިމަށް އިހުތިރާމް ކުރުމަށް ރަޝިއާއަށް ގޮވާލާފައެވެ. އަދި އޭގެ އިތުރުން މިމައްސަލާގައި "ދެމެހެއްޓެނިވި ސުލްހައެއް ގާއިމް ކުރުމަކީ" "ބައިނަލްއަގުވާމީ ސުލްހައާއި ސަލާމަތަށް" ވެސް މުހިންމު ކަމެއް ކަމުގައިވެސް މިގަރާރުގައި ބުނެފައި ވެއެވެ.

މީގެ ކުރިންވެސް ޔޫކުރެއިން މައްސަލާގައި ޔޫއެން ޖެނެރަލް އެސެމްބްލީން ފާސްކޮށްފައިވާ ގިނަ ގަރާރުތަކާ އެއްކޮލަށް ރާއްޖެއިންވަނީ ވޯޓު ދީފައެވެ.

މިގޮތުން ރަޝިއާއިން ޔޫކުރެއިންއަށް އެންމެ ފުރަތަމަ ހަމަލާ ދޭން ފެށުމާއި ގުޅިގެން އެ އުދުވާން ކުށްވެރިކޮށް ޖެނެރަލް އެސެމްބްލީގައި އެންމެ ފުރަތަމަ ނެގި ވޯޓުގައިވެސް ރާއްޖެ ވޯޓު ދީފައިވަނީ އެ އުދުވާން ކުށްވެރިކޮށެވެ. އެހެންނަމަވެސް އެއަށްފަހު، ފާއިތުވެދިޔަ އަހަރުގެ އެޕްރިލްމަހު، ޔޫއެން ހިއުމަން ރައިޓްސް ކައުންސިލްއިން ރަޝިއާ ސަސްޕެންޑް ކުރުމަށް  ޔޫއެން ޖެނެރަލް އެސެމްބްލީގައި ނެގި ވޯޓުގައި ދިވެހިރާއްޖެއިން އެފަހަރު އެއްވެސް ކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ.

އެފަހަރުގެ ވޯޓުގައި ރާއްޖެ ހިމެނޭގޮތުން ދެކުނު އޭޝިއާގެ އެއްވެސް ގައުމަމުން ރަޝިއާއި ދެކޮޅަށް ވޯޓު ދީފައެއް ނުވެއެވެ. މީގެތެރޭގައި، އިންޑިއާ، ސްރީލަންކާ، ބަންގްލާދޭޝް، ނޭޕާލް ހިމެނެއެވެ. މީގެ އިތުރުން، އެފަހަރުގެ ވޯޓުގައި މެލޭޝިއާއިންވެސް އެއްވެސް ކޮޅަކަށް ވޯޓު ދީފައެެއް ނުވެއެވެ.

ރަޝިއާއިން ޔޫކުރެއިންއަށް ހަމަލާ ދޭންފެށިތާ މިއަދަށް އެއް އަރުހުވުމާއި ދިމާކޮށް، އާންމު މަޖިލިހަށް ހުށަހެޅުނު ގަރާރު ފާސްކޮށްފައިވނީ ޔޫއެން ޖެނެރަލް އެސެމްބްލީގެ 141 ގައުމުގެ ތާއީދާއެކީއެވެ. އެހެންނަމަވެސް މިގަރާރު ފާސްކުރުމަށް ނެގުނު ވޯޓުގައި 32 ގައުމަކުން އެއްވެސް ކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ.

އަދި 7 ގައުމަކުން ގަރާރާ ދެކޮޅަށް ވޯޓު ދީފައި ވެއެވެ. މި ގައުމުތަކުގެ ތެރޭގައި ހިމެނެނީ ރަޝިއާގެ އިތުރުން، އެގައުމުގެ އަވައްޓެރި ބެލަރޫސްއާއި، އުތުރު ކޮރެއާއާއި، އެރިޓްރިއާއާއި، މާލީއާއި، ނިކަރާގުއާއާއި އަދި ސީރިއާއެވެ.

މިގަރާރު ފާސްކުރުމަށް ޔޫއެން ޖެނެރަލް އެސެމްބްލީގައި ނެގި ވޯޓުގައި އެއްވެސް ކޮޅަކަށް ވޯޓު ނުދީ ތިބި ގައުމުތަކުގެ ތެރޭގައި، ސަައުތު އޭޝިއާގެ ބައެއް ގައުމުތައް ހިމެނެއެ އެވެ. އޭގެ ތެރޭގައި، ސްރީ ލަންކާ، ޕާކިސްތާން އަދި އިންޑިއާ ހިމެނެއެވެ.

ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕްގައި ހިގަމުންދާ އެންމެ ގެއްލުން ބޮޑު ހަނގުރާމައަށް އެއް އަހަރު ފުރޭ މުނާސަބަތާއި ދިމާކޮށް، މި ހަނގުރާމަ ކުށްވެރިކޮށް ޔޫއެން ޖެނެރަލް އެސެމްބްލީން ފާސްކުރި މި ގަރާރަށް ތާއީދުކޮށް ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޮޑު އަޢުލަބިއްޔަތެއް ލިބިގެން ދިއުމަކީ، ހަގުރާމައަށް އެއް އަހަރު ފުރިގެން ދާއިރުވެސް، ދުނިޔޭގެ ގައުމުތަކުގެ ވިސްނުމަށް ބަދަލެއް އައިސްފައި ނުވާކަމުގެ ހެއްކެއް ކަމުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ރަޝިއާއިން ޔޫކްރެއިންގެ 4 ސަރަހައްދެއް އަމިއްލަ ކުރުމާއި ގުޅިގެން ފާއިތުވި އަހަރުގެ އޮކްޓޯބަރުމަހުވެސް ޔޫއެންއިން ރަޝިއާގެ އަމަލުތައް ކުށްވެރިކޮށް ގަރާރެއް ފާސްކޮށްފައި ވެއެވެ. އެ ގަރާރަށް ދުނިޔޭގެ 143 ގައުމަކުން ތާއީދުކުއިރު އެފަހަރު 35 ގައުމަކުން އެއްވެސް ކޮޅަކަށް ވޯޓު ދީފައި ނުވެއެވެ. އަދި 5 ގައުމަކުން އެގަރާރާ ދެކޮޅަށް ވޯޓު ދީފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލީ
އެއީ ކުރަންޖެހޭ ހަގުރާމައެއް