ކުރޮއޭޝިއާގެ ރަސްމީ ފައިސާގެ ގޮތުގައި ޔޫރޯ ބޭނުން ކުރަން ފަށައިފި

ކުރޮއޭޝިއާގެ ރަސްމީ ފައިސާގެ ގޮތުގައި ޔޫރޯ ބޭނުން ކުރަން ފަށައިފި

Author
ހުސެއިން
02 ޖެނުއަރީ 2023 07:57
0

ކުރޮއޭޝިއާއިން ބޭނުން ކުރަމުންއައި އެގައުމުގެ އަމިއްލަ ފައިސާ ދޫކޮށް، ރަސްމީ ފައިސާއެއްގެ ގޮތުގައި ޔޫރޯ ބޭނުން ކުރާން ފަށައިފިއެވެ. އަދި އެގައުމަކީވެސް ޔޫރަޕްގެ ޕާސްޕޯރޓު ފްރީ ޒޯނެއްގައި ގޮތުގައިވެސް ރަސްމީކޮށްވަނީ ކަނޑައަޅާފައެވެ.

މިއީ މީގެ 10 އަހަރުކުރިން އެގައުމު އީޔޫ (ޔޫރަޕްގެ އިއްތިހާދު)ގެ މެމްބަރަކަށް ވުމަށްފަހު، އެގައުމުން ގެނައުމަށް އެކަށައެޅިފައިވާ މުހިންމު ދެ ލަނޑުދަނޑިއެކެވެ.

މިގޮތުން، ބަލްކަންގެ ގައުމެއް ކަމުގައިވާ ކުރޮއޭޝިއާއިން އެގައުމުގެ ރަސްމީ ފައިސާ ކަމުގައިވާ ކުނާ ދޫކޮށް، ޔޫރޯއަކީ އެގައުމުގެ ރަސްމީ ފައިސާގެ ގޮތުގައި އިއުލާން ކޮށްފައިވަނީ މި ފަހްތާގެ އާދީއްތަ ދުވަހުގެ ރޭގެ މެމްދަމުއެވެ. އަދި މި ވަގުތުން ފެށިގެން އެގައުމަކީ، ޕާސްޕޯޓަކާ ނުލާ ދަތުރުކުރެވޭ ޔޫރަޕްގެ 20 ވަނަ ގައުމު ކަމުގައިވެސް ވަނީ އިއުލާން ކޮށްފައެވެ.

އޭގެ އިތުރުން ކުރޮއޭޝިއާ މިހަރު ހިމެނިގެންދަނީ، ދުނިޔޭގަ އޮތް ޕާސްޕޯޓަކާ ނުލާ ދަތުރުކުރެވޭ އެންމެ ބޮޑު ޒޯން ކަމުގައިވާ ޝެންގެން ޒޯންގެ 27ވަނަ ގައުމު ކަމުގައެވެ. މި ޒޯންގައި، 400 މިލިއަން މީހުންނަށް ވިސާއަކާ ނުލާ ދަތުރުކުރުމުގެ ފުރުސަތު ލިބިފައި ވެއެވެ.

"މިއީ އާ މޫސުމެއްގެ ފެށުން. އަދި، މި ކުރޮއޭޝިއާއަށްވުރެ މި ހަގީގަތް ސާފުކޮށް ފެންނާން އޮތް އެހެން ސަރަހައްދެއް ޔޫރަޕްގައި ނެތް،" ޔޫރޯ ބަލައިގަތުމާއި، ކުރޮއޭޝިއާއަކީ "ވިސާ ފްރީ" ޒޯންއެއްކަން އިއުލާން ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެގައުމަށް ވަޑައިގެން ކުރެއްވި ޓުވީޓެއްގައި އީޔޫގެ ރައީސާ އުރުސުލާ ވޮން ޑަރ ލެޔެން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވެއެވެ.

މި ޒިޔާރަތުގައި އުރުސުލާވަނީ ކުރޮއޭޝިއާގެ ބޮޑުވަޒީރު އަންޑްރޭ ޕްލެންކޮވިކް އާއި ސްލޮވޭނިއާގެ ރައީސް ނަތާސާ ޕާރލް މުސާރު އާއިވެސް ބޯރޑަރ ކްރޮސިންގައި ބައްދަލު ކުރައްވާފައެވެ.

ކުރޮއޭޝިއާއަކީ 3.9 މިލިއަންގެ އަބާދީއެއް އޮންނަ، ކުރީގެ ޔޯގޮސްލާވިއާގެ ރިޕަބްލިކްއެކެވެ. އެގައުމުންވަނީ 90ގެ އަހަރުތަކުގައި މިނިވަންކަން ހޯދުމަށް ހަނގުރާމަ ކޮށްފައެވެ. އަދި އެގައުމުން އީޔޫގެ މެމްބަރު ގައުމަކަށް ހަމަޖެހިގެން ދިޔައީ 2013 ވަނަ އަހަރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.