ޢީދު މުބާރަކް!

ޢީދު މުބާރަކް!

ގުޅުންހުރި

ފިތުރު ޢީދު ދުވަހުގެ ހެޔޮ ދުޢާއާއި ތަހުނިޔާ ހުރިހާ ބޭފުޅުންނަސް ވެސް އަރިސްކުރަމެވެ.

ޢީދުގެ އުފަލަކީ ދުލަކުން ޤަލަމަކުން ބަޔާންކުރެވޭ ވަރަށްވުރެ ބޮޑު އުފަލެކެވެ. ޢީދަކީ މާތް ﷲ ދެއްވާފައިވާ ހަދިޔާއެކެވެ. ރޯދައިގެ އުފަލާއިގުޅިގެން ފިތުރު ޢީދު ލެއްވުމާއި، ޙައްޖުގެ މަތިވެރި އަޅުކަމަށް ފަހު އަޟްޙާ ޢީދު ލެއްވުމުގެ ޙިކުމަތަކީ އަޅުތަކުންނަށް އުފާވެރިކަމާއި ހިތްހަމަ ޖެހުން ގެނެސްދިނުމެވެ.

ޢީދު ޝަރުޢުކުރެއްވިފައި ވަނީ އަޅުތަކުން އެކަކު އަނެކަކާ ބައްދަލުކޮށްލައި ހަދިޔާ ބަދިޔާ ބަދަލުކޮށްލައި، ވާހަކަ ދައްކާލައި، ސަލާންގަލާން ކޮށްލުގެ ފުރުސަތު ތަނަވަސް ކޮށްދިނުމަށެވެ. އެކަކު އަނެކަކުގެ ގެއަށް ޒިޔާރަތްކޮށްލައި، ޙާލުއަހުވާލު ބަލާލައި ގާތްތިމާގެ މީހުންނާއި އެކުވެރިންނާއި ގާތްކަން ބަހައްޓައި ގުޅުން ދެމެހެއްޓުމުގެ މައްޗަށެވެ.

އާދެ މިއެންމެހާ މަތިވެރި ފިލާވަޅުތައް ވެސް ޢީދު ޝަރުޢު ކުރެއްވުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭނެ ކަމީ ޝައްކެއްވެސް ހުރި ކަމެއް ނޫނެވެ. މި ޢީދަކީ މާތް ﷲއަށް ތަޤްވާވެރިވުމުގެ މައްޗަށް ބިނާކުރާ ޢީދެއްކަމުގައި ހަދަމާ ހިނގާތޯއެވެ! އުފާ ފާޅުކުރުމާ ނަފްސަށް ހިތްހަމަޖެހުން ހޯދުމަށް ކުރާ ކަންތައްތަކަކީ ޢީދާ ގުޅުވައިގެން ﷲގެ އިންތައް ފަހަނަ އަޅައިދާ ކަމަކަށް ހެދިއްޖެނަމަ އެޢީދަކީ އުފާވެރި ޢީދަކަށް ނުވާހުއްޓެވެ. އެހެނެއްކަމަކު އެއީ ޝައިޠާނާ ރުހި އޭނާ ހެއްވާލުމުގެ ޢީދަކަށް ވެދާހުއްޓެވެ!

ވީއިރު އަޅުގަނޑުމެން ވިސްނަންވީ ޢީދުގެ އުފާ، ﷲ ޙަލާލުކުރެއްވި ޙުދޫދުގެ ތެރޭގައި ފާޅުކުރުމަށެވެ. އެގޮތުން ވީ އެންމެ ބޮޑުކޮށް އުފާފާޅުކުރާށެވެ! ދަތުރު ދާށެވެ! ނަމަވެސް ރިޢާޔަތްކުރަންޖެހޭ ކަންކަމަށް ރިޢާޔަތްކުރަމުންނެވެ. ކުޅިވަރުތައް ކުޅޭށެވެ! ހަމަ ރިޢާޔަތްކުރަންޖެހޭ ކަންކަމަށް ރިޢާޔަތްކުރަމުންނެވެ. ހުއްދަ ކުޅިވަރުތައް ބައިވަރެވެ.

ނަމަވެސް މިހާރަކަށް އައިސް އިސްލާމުންގެ ޢީދުތަކުގައިވެސް ފެންނަ ބައެއް މުންކަރާތްތައް އެބަހުއްޓެވެ. 'ދީންވެރި މީހުން އެކަން ނުކުރިޔަސް ތިމަންނަމެންނަށް އޯކޭ ވާނޭ' ބުނެ އެފަދަ ކަންކަން ނުކުރާށެވެ. އެހެނީ 'ދީންވެރިޔާވެސް' އަދި 'ދީންވެރި ނޫންމީހާވެސް' ހަމަ ދާންޖެހޭނީ ކައްވަޅަށެވެ.

އެގޮތުން ހިލޭފިރިހެނުންނާއި އަންހެނުން އެކަކު އަނެކަކު ގަޔަށް އަތްލައި ކުޅޭ ކުޅިވަރުތަކާއި، ހިންދޫ ދީނުގެ މީހުން އެދީނުގެ ޢީދެއް ކަމުގައިވާ 'ހޯލީ' ގައި ބޭނުންކުރާ ކުލަޖެހުމުގެ ސަޤާފަތަކީ މިހާރު އެންމެ ހިނގާ ފާޅުކަންބޮޑު އެއްގޯހެވެ! މިކަންކަން ނުކުރުމަށް ހެޔޮއެދޭ ޙާލު ނަޞޭޙަތްތެރިވަމެވެ. އަދި ހަމަ އެހެންމެ ޢީދުގެ އުފަލުގެ ގޮތުގައި މީހުންނަށް މަލާމާތްކުރުމާއި ޣީބަ ބުނުންފަދަ ކަންކަން ކުރުމާއި، ސިޙުރު ހާހޫރަ ހަދާތަން ދައްކުވައިދޭ ޑުރާމާ ތަކާއި މިފަދަ ކަންކަމަކީ އެކަންކަމަކުން ދުރުވެ ތިބުން އައުލާ ކަންކަމެވެ.

ޢީދުގައި ތާރަ ޖަހާށެވެ! ޢީދާގުޅޭ ލަވަ ކިޔާށެވެ! އޭގައި ފާޙިޝް ކަމެއް ހަޑި މާނަތަކެއް އެކުނުލެވޭ ބަސްތަކާއި އެކުއެވެ. މީގެ ތެރެއިންވެސް ތާރަޖަހައި އެއާއެކު މިދެންނެވި ޢީދާގުޅޭ ސާފު ލަވަ ކިޔުމަކީ ޢާއިލާތަކުގެ ތެރޭގައިވެސް ހަމަ ކުރެވިދާނެކަމެކެވެ. މިކަމަކީ މިހާރު ނެތިފައިވާ، އަދި ދިރުވަންޖެހިފައިވާ ޢާދައެކެވެ! އިސްލާމީ މަޞްދަރުތަކުން އެކަމުގެ ހުއްދަކަން ވަރަށް ސާފުކޮށް އިނގެން އޮތްކަމެއްވެސް މެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ