ތުރުކީގައި މިހާރު ވެރިކަން ކުރާ ނިޒާމަށް ހެޔޮ ބަދަލުތައް ގެނެސް، އަދި އެގައުމުގެ މިހާރުގެ ރައީސް ތައްޔިބި އެރޮދޮގާންގެ ވެރިކަމާ ދެކޮޅަށް އެއްގަލަކަށް އެރުމަށްޓަކާ ތުރުކީ އެންމެ ބޮޑު، އިދިކޮޅު 6 ޕާޓީއެއްގެ ލީޑަރުން ބައްދަލު ކޮށްފިއެވެ.
މަޝްވަރާރައް ކުރިޔަށް ގެންދިއުމަށްޓަކާ 6 ލީޑަރުން އެކީ ބޭއްވި ރޭގަޑުގެ ފަރިއްކޮޅަކަށްފަހު ނެރުއްވި ގުޅިފައިވާ ބަޔާނުގައި މި 6 ޕާޓީގެ ލީޑަރުންވެސް ވިދާޅުވެފައިވަނީ، މިހާރު ތުރުކީ ތަޖުރިބާ ކުރަމުންދަނީ ތުރުކީގެ މުޅި ތާރީޚުގައިވެސް އެގައުމު ތަޖުރިބާ ކުރަމުންދާ "އިގްތިސާދީ އަދި ސިޔާސީ އެންމެ ބޮޑު ކާރިސާ" ކަމަށާއި، އަދި ކާރިސާގެ ހަގިގީ ސަބަބަކީ އެގައުމުގައި ރިޔާސީ ނިޒާމު ކަމުގައެވެ. މި ލީޑަރުންގެ ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ، ލީޑަރުންގެ މަގުސަދަކީ، ތުރުކީގެ ވެރިކަމުގެ ނިޒާމު "ހަރުދަނާ ބަރުލަމާނީ ނިޒާމަކަށް،" ބަދަލު ކޮށްލުން ކަމުގައެވެ.
މި ބަޔާނުގައި ލީޑަރުން ތުރުކީގެ ރައީސް ތައްޔިބު އެރޮދޮގާންގެ ނަން ބަޔާން ކޮށްފައި ނުވިނަމަވެސް، މި ބައްދަލުވުމުގެ މަސަދަކީ އެރޮދޮގާން މަގާމުން ދުރުކުރުމަށް އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދުންކަން ވަނީ ވަރަށްވެސް ރަގަޅަށް ހާމަވެގެން ގޮސްފައެވެ.
ތުރުކީގެ ބޮޑުވަޒީރެއްގެ ގޮތުގައި 11 އަހަރު ހޭދަ ކުރެއްވުމަށްފަހު ތުރުކީގެ ރައީސްކަމަށް އެރެދޮގާން އިންތިޚާބު ވެފައިވަނީ 2014ވަނަ އަހަރުއެވެ. އެރެދޮގާން އެގައުމުގެ ރައީސްކަމަށް އިންތިޚާބުވިއިރު އެމަގާމަކީ ވަރަށް ބޮޑުތަނުން ރަމްޒި މަގާމެއްގެ ގޮތުގައި އޮތް މަގާމެކެކެވެ. އެހެންނަމަވެސް 2017ވަނަ އަހަރު ތުރުކީގެ ރައްޔިތުންގެ މެދުގައި ބޭއްވުނު ޚިޔާލު ހޯދުމުގެ ވޯޓަކުން އެގައުމުގެ ރައްޔިތުންވަނީ ތުރުކީގައި ރިޔާސީ ނިޒާމެއް އޮތުމަށް ތާޢީދު ކޮށްފައެވެ.
އަދި އެހާތަނުން ތުރުކީގެ ވެރިކަމުގެ ނިޒާމުގައި އެރޮދޮގާންގެ ބާރުތައް އިންތިހާއަށް ފުޅާވެ، އޭގެ ނަތީޖާއެއްގެ ގޮތުން، ތުރުކީގެ ބޮޑުވަޒީރާއި އަދި ގާނޫނުހަދާ މަޖިލިހުގެ ބާރުތައްވަނީ ވަރަށް ބޮޑުތަނުން ކުޑަވެގެން ގޮސްފައެވެ. ޖެހިގެން އައިއަހަރު އެރެދޮގާންވަނި ތުރުކީގެ ރައީސްކަމަށް އަލުން އިންތިޚާބުވެ ވަޑައިގެންފައެވެ. އޭނާއަށް ފާޑިވިދާޅުވާ ފަރާތްތަކުން ބުނަމުންދަނީ އެއަށްފަހު ތުރުކީގައި އޮތީ ޚުދުމުޚުތާރު ވެރިކަމެއް ކަމުގައެވެ.
ތުރުކީގެ އިދިކޮޅު ޕާޓީތަކުން ބޭއްވި މަޝްވަރާގެ ފަރިއްކޮޅުގައި ބައިވެރިވެ ވަޑައިގެންފައިވަނީ، އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ލީޑަރު ކަމާލް ކިލިޑާރޮގުލްއާއި، ނާޝަނަލިސްޓް ގުޑް ޕާޓީގެ ލީޑަރު މެރާލް އަކްސެނަަރުއާއި، ކޮންޒަރވޭޓިވް ފެލިސިޓީ ޕާޓީގެ ލީޑަރު ޓަމެލް ކަރަމޮރަގުލްއާއި، ޑިމޮކްރަޓް ޕާޓީގެ ލީޑަރު ގުލްޓަކިން ޔުއިސަލްއާއި، ޑިމޮކްރަސީ އެންޑް ޕްރޮގްރެސް ޕާޓީގެ ލީޑަރު އަލީ ބާބަކަންއާއި ފިއުޗަރ ޕާޓީގެ ލީޑަރ އަހުމެޓް ޑޮވުޓޮގުލްއެވެ.
ކޮމެންޓު ފޮނުވާ