ރާއްޖޭގެ ރަށް ތަކަށް އުދައަރާ ސަބަބު ދެނެގަނެ އެކަމަށް ހައްލު ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ލ. މާވަށަށް އުދަ އަރައި ގެއްލުން ލިބުނު ސަރަހައްދު ހެދުމުގެ މަސައްކަތް ކުރިއަށްދާގޮތާއި ގުޅޭ ތަފްސީލް ހޯދުމަށް އެ ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރ އަސްލަމް ވިދާޅުވީ އުދަ އެރުން ފަދަ މައްސަލަތައް ރާއްޖެއަށް ކުރިމަތިވަމުން ދަނީ މުޅި ދުނިޔެއަށް ދިމާވެފައިވާ މޫސުމީ ބަދަލުތަކުގެ ސަބަބުން ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ރަށްތަކަށް އުދަ އެރުމުގެ މައްސަލަ ހައްލު ކުރެވޭނީ އެކަން މެދުވެރިވާ ސަބަބު ރަނގަޅަށް އެނގިގެން ކަމަށާ އެކަމާ ގުޅޭ ސައިންޓިފިކް ދިރާސާއެއް އެންވަޔަރަމަންޓް މިނިސްޓްރީން ހަދަމުންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެ ދިރާސާގެ ޝާއިއު ނުކުރާ ޑްރާފްޓެއް މިހާރު އެކުލަވާލާފައިވާކަމަށްވެސް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
"މިކަން ހައްލު ވާނެ ތާރީޚެއް ބުނަން އަދި މާ އަވަސް. އެހެން ނަމަވެސް ރަށްތަކަށް ހޯދާނެ ހައްލެއް ދެނެގަތުމަށް ކުރަމުންދާ މަސައްކަތް މިހާރު ވެސް ކުރަމުން އެބަދޭ. އޭގެ ނަތީޖާއަށް ފަހު މެނުވީ ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަކީ ޒިންމާދާރު ކަމެއް ނޫން،" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްތަކަށް އުދައަރައި ލިބެމުންދާ ގެއްލުންތަކަށް ދާއިމީ ހައްލެއް ހޯދެންދެން، ރަށްރަށުގައި ކުއްލި ހާލަތުގައި ފޯރުކޮށްދޭންޖެހޭ އެހީ ފޯރުކޮށްދެމުންދާކަންވެސް މިނިސްޓަރ އަސްލަމް ވަނީ ފާހަގަކުރައްވާފައެވެ. ފަހަކަށް އައިސް ރާއްޖޭގެ ގިނަ ރަށްތަކަށް އުދަ އަރައި ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ.