އިތުރު އިންޒާރަކާ ނުލާ، މުޒާޙިރާ ކުރާފަރާތްތައް ބަޑިޖަހާ މެރުމަށް ކަޒިކިސްތާނުގެ ރައީސް އަމުރު ކޮށްފި

އިތުރު އިންޒާރަކާ ނުލާ، މުޒާޙިރާ ކުރާފަރާތްތައް ބަޑިޖަހާ މެރުމަށް ކަޒިކިސްތާނުގެ ރައީސް އަމުރު ކޮށްފި

ކަޒަކިސްތާނުގައި މެދު ކެޑުމެއްނެތި ކުރިޔަށްދާ މުޒާހިރާތަކާއި ހަނުޖެނުހުންތައް ކޮންޓްރޯ ކުރުމަށްޓަކާ، ހަމަނުޖެހުން ހިންގާ ފަރާތްތައް އިތުރު އިންޒާރަކާ ނުލާ، ބަޑިޖަހާ މެރުމަށް އެގައުމުގެ ރައީސް ކަސީމް ޖޮމާރޓް ޓޮކްޔޭވެ އެގައުމުގެ ސަލާމަތީ ބާރުތަކަށް އަމުރު ކޮށްފިއެވެ.

ހުކުރު ދުވަހު ޓީވީ މެދުވެރިކޮށް ގައުމާ މުޚާތަބް ކުރައްވަމުން، ކަސީމް ޖޮމާރޓް ޓޮކްޔޭވް، މުޒާހިރާ ކުރާ ފަރާތްތަކަށް އިންޒާރު ދެއްވި ގޮތުގައި އެގައުމުގެ ސަލާމަތީ ބާރުތަކުން ކުރިޔަށް ގެންދާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންގެ ދަށުން، ހަމަނުޖެހުން ހިންގުމަށް މަސައްކަތްކުރާ ފަރާތްތައް އިތުރު އިންޒާރަކާ ނުލާ "ނައްތާލެވޭނެ" ކަމުގައެވެ.

ހަފްތާއަކަށްވުރެ ދިގު މުއްދަތަކަށް މިހާރު ދިގު ދެމިގެން ގޮސްފައިވާ ހަމަނުޖެހުންތަކުގައި މިހާރުވަނީ އެތައް ބަޔަކު މަރުވެފައެވެ. އޭގެ ތެރޭހައި ފުލުހުންނާއި އާންމުންވެސް ހިމެނެއެވެ.

މިހާރު ކަޒަކިސްތާނުގައި ކުރިޔަށްދާ ހަމަނުޖެހުންތަކަކީ، މީގެ 30 އަހަރު ކުރިން، 1991ވަނަ އަހަރު އެގައުމަށް މިނިވަންކަން ލިބުނުފަހުން އެގައުމުގައި ހިގަމުންދާ އެންމެ ބޮޑު ހަމަނުޖެހުންތަކެވެ.

ކަޒަކިސްތާންގެ އިންޓީރިއަރ މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ހަތިޔާރާއެކު ހަރަކާތްތެރި ވަމުން އައި 26 "މުޖުރިމަކު" ވަނީ "ނައްތާލެވިފައި" ކަމުގައެވެ. އަދި މިހާތަނަށް 3،000 މީހަކު ހައްޔަރު ކުރެވިފައި ވާއިރު، ޕޮލިސް އަދި ނޭޝަނަލް ގާޑުގެ 18 މީހަކު މަރުވެފައިވާ ކަމަށްވެސް އިންޓީރިއަރ މިނިސްޓްރީން ބުނެފައި ވެއެވެ.

ފުލުހުންނާއި މުޒާހިރާ ކުރާ ފަރާތަކާ ދެމެދު އޭގެ ކުރީ ދުވަހު ހަމަނުޖެހުން ހިގާފައިވާ ސަރަހައްދު ކަމުގައިވާ، ކަޒަކިސްތާނުގެ އެންމެ ބޮޑު ސިޓީކަމުގައިވާ އަލްމާޓީ ސިޓީގެ ސެންޓްރަލް ސްކުއަރ ސަރަހައްދުން ހުކުރު ދުވަހުވެސް ބަޑީގެ އަޑުތައް އިވެމުން ގޮސްފައިވާކަމަށް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

މުޒާޙިރާތައްވެސް މަދުން ނޫނީ ނުހިގާ، އަދި އާންމު ގޮތެއްގައި ސުލްހަވެރި ގައުމެއް ކަމުގައި ބެލެވޭ، ސޯވިއެޓް ޔޫނިންގައި ހިމެނުނު، މިހާރު މެދުތެރޭ އޭޝިއާގެ ގައުމެއް ކަމުގައިވާ ކަޒަކިސްތާނުގައި މުޒާހިރާތައް ފެށިފައިވަނީ ފާއިތުވެދިޔަ ހަފްތާގެ ބަންދުގައި، އެގައުމުގެ ތެލުގެ މުއްސދިަކަން ލިބިފައވާ ހުޅަނގުގެ ސަރަހައްދެއް ކަމުގައިވާ މަންގިސްޓައު ސަރަހައްދެއްގެ ޓައުންއެއް ކަމުގައިވާ ޒަނައުޒެންގައެވެ. އެހެން ނަމަވެސް، މި މުޒާހިރާތައް މިހާރުވަނީ އެގައުމުގެ އެކި ސަރަހައްދުތަކަށް ފެތުރިގެން ގޮސްފައެވެ.

މި މުޒާހިރާތަކާއެކު އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި ކަޒަކިސްތާންގެ ރައީސް ކަސީމް ޖޮމާޓް ޓޮކަޔޭވް ވަނީ އެގައުމުގެ ސަރުކާރު އުވާލާ، އަދި ދެފަހްތާގެ ސްޓޭޓް އޮފް އެމަޖެންސީ މުޅި ގައުމުގައި އިއުލާން ކޮށްފައެވެ. އެހެންނަމަވެސް އެގައުމުގެ ރައީސް އެޅުއްވި މި ފިޔަވަޅަށްފަހުވެސް، ކުރިޔަށްދާ ހަމަނުޖެހުންތަކަށް ހައްލެއް ލިބިގެން ގޮސްފައެއް ނުވެއެވެ.

ތެލުގެ އަގު މައްޗަށް ދިއުމާދެކޮޅަށް އެންމެ ފުރަތަމަ ކުރަންފެށި މުޒާހިރާތައް ސަރުކާރާ ދެކޮޅު މުޒާހިރާތަކަށް ބަދަލުވެ، އަދި މި މުޒާހިރާތަކުގެ ތެރެއިން، އެގައުމުގައި 30 އަހަރުގެ ދިގު މުއްދަތަކަށް ވެރިކަންކުރި ކުރީގެ ރައީސް ނޫރުސުލްތާން ނަޒަރުބަޔޭވްގެ ދައުރުއްސުރެ އުފެދިފައިވާ ރުޅިވެރިކަން މި ހަމަނުޖެހުންތަކުން ފެންނަމުންދާ ކަމަށްވެސް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ކަޒަކިސްތާނުގެ ވެރިކަން ފުރޮޅާލާ ރައްޔިތުން މަރާފައެއް ވެރިކަމަކު ނުހުރެވޭނެ

Leave a Reply

Your email address will not be published. Required fields are marked *