ކޯވިޑް19ގެ އެހެން ވޭރިއެންޓްތަކާ އަޅާ ބަލާއިރު، އެންމެ ފަހުން އާންމު ވެފައިވާ ވޭރިއެންޓް އޮމިކްރޮންއަށް ޕޮޒިޓިވްވާ %50 އާއި %70 ދެމެދުގެ މީހުން، ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދޭން ނުޖެހޭ ކަމުގައި ދިރާސާތަކުން ދައްކައިފިއެވެ.
އިނގިރޭސިވިލާތުގެ ހެލްތު ސެކިއުރިޓީ އޭޖެންސީން ބުނެފައިވާ ގޮތުގައި އެ އޭޖެންސީން ހަދާފައިވާ ދިރާސާތަކުން އެންމެ ފުރަތަމަށް ދައްކާފައިވަނީ ވަރަށްވެސް އުއްމީދީ ނަތީޖާތަކެއް ކަމުގައެވެ. އެހެންނަމަވެސް، އެ އޭޖެންސީން ބުނެފައިވަނީ، އޮމިކްރޮން ވޭރިއެންޓަށް ޕޮޒިޓިވްވާ ގިނަ އަދަދެއްގެ ބަޔަކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭންޖެހިދާނެ ކަމުގެ ބިރު އަދިވެސް އެބަ އޮތް ކަމުގައެވެ.
އަދި އިނގިރޭސިވިލާތުގެ ހެލްތު ސެކެޓްރީ ވިދާޅުވެފައިވަނީ، "ދެން އަޅާނެ ފިޔަވަޅުތަކެއްގެ" އަންދާޒާތަކެއް ހަދަން އަދި މާ އަވަސްކަމުގައެވެ.
އިނގިރޭސިވިލާތުގެ ހެލްތު ސެކިއުރިޓީ އޭޖެންސީން ހަދާފައިވާ މި ދިރާސާއިން ދައްކާފައިވާ ގޮތުގައި، ވެކްސިން ދިނުމުގެ ސަބަބުން އޮމިކްރޮން އިން ރައްކާތެރި ކޮށްދިނުމުގެ ގާބިލްކަން ހަށިގަޑުގެ ދިފާއީ ނިޒާމަށް ފުރިހަމައަށް ލިބިގެންދަނީ، ބޫސްޓަރ ޑޯޒް ޖަހާތާ 10 ހަފްތާ ފަހުންނެވެ.
އަދި ޕޮޒިޓިވްވެ ބޮޑުވަރު ވެފައިވާ މީހުންނަށް ފުރިހަމަ ރައްކާތެރިކަން ފޯރު ކޮށްދޭން އެއަށްވުރެވެސް ދިގު މުއްދަތެއް ނަގައެވެ.
އެންމެ ފަހުން ހަދާފައިވާ މި ދިރާސާ އައިސްފައި މިވަނީ އިނގިރޭސިވިލާތުގައި އޮމިކްރޮން އަށާއި އަދި ޑެލްޓާ ވޭރިއެންޓަށް ޕޮޒިޓިވް ވެފައިވާ ހުރިހާ ކޭސްތަކުގެ ޑާޓާތައް ހިމަނައިގެންނެވެ. މީގެތެރޭހައި އޮމިކްރޮންއަށް ޕޮޒިޓިވެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ 132 މީހުންވެސް ހިމެނެއެވެ. އިނގިރޭސިވިލާތުގައި، އޮމިކްރޮން ވޭރިއެންޓަށް ޕޮޒިޓިވްވިތާ 28 ދުވަހުގެ ތެރޭގައި 14 މީހަކުވަނީ މަރުވެފައެވެ.
މި ދިރާސާއިން ދައްކާފައިވާ ގޮތުގައި އޮމިކްރޮން ވޭރިއެންޓަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން %31 އާއި %45 އާއި ދެމެދުގެ މީހުންނަކީ ހޮސްޕިޓަލުގެ އެމަޖެންސީއަށް ދާން ނުޖެހޭ މީހުންނެވެ. އަދި %50 އާއި %70 ދެމެދުގެ މީހުން ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުމަކީ ނާދިރު ކަމެކެވެ.
އެހެންނަމަވެސް، އޮމިކްރޮން ފެތުރެމުންދާ މިންވަރުގެ ހަލުއި މިނަށް ބަލާ، ބާރުދެ ވައިރަހުންވެސް ހޮސްޕިޓަލްތަކަށް ގޮންޖެހުންތައް ކުރިމަތި ކުރުވަފާނެކަމަށް ވަނީ ބެލެވިފައެވެ.
ކޮމެންޓު ފޮނުވާ