އައްޑޫސިޓީގައި ފުލުހުން ހިންގި ބޮޑު އޮޕަރޭޝަންގައި 98.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި ހިންގި މި ޚާއްސަ އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު 14 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ 23 އަހަރާއި 40 އަހަރާ ދެމެދުގެ ދިވެހި ފިރިހެނުންނެވެ.
މި ހިނގާ އޮކްޓޯބަރު މަހުގެ 01 ވަނަ ދުވަހުން ފެށިގެން ފުލުހުން ކުރިއަށް ގެންދާ މިއޮޕަރޭޝަންގައި މިހާތަނަށް ގާތްގަނޑަކަށް 98.6 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާކަމަށާއި އޭގެތެރޭގައި އެމް.ޑީ.އެމް.އޭ އާއި، އެމްފިޓަމިން އާއި ހެރޮއިން ހިމެނޭކަމަށް ފުލުހުން ވިދާޅުވިއެވެ.
މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާކަމަށް މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ޢަބްދުﷲ އިބްރާހީމް އަކީ 2019 ޖުލައި 30 ވަނަދުވަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހައްޔަރު ކުރުމަށްފަހު ތަހުގީގު ފުރިހަމަކޮށް މައްސަލަ ޕީޖީއޮފީހަށް ފޮނުވުމުން މައްސަލަ ކޯޓަށް ވައްދާފައިވަނިކޮށް 2019 ސެޕްޓެމްބަރ 30 ވަނަދުވަހު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ މީހެއްކަމަށާއި، އޭނާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ކުށުގެ ރެކޯޑް އާއި އެހެނިހެން މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ ފަރާއްކަމަށް ފުލުހުން ފާހަގަކުރެއެވެ.
ފުުލުހުން ވިދާޅުވީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނީ ހިތަދޫ / ފިނިފަރު، ޢަބްދުﷲ އިބްރާހީމް (އަބުޗޭ) އިސްވެ ހުރެ ދިވެހިންގެ އިތުރު ބަޔަކާއި ބޭރުބަޔަކާއި ގުޅިގެން ކަމަށެވެ. އޭނާއަކީ މަސްތުވަތަކެތީގެ ބޮޑެއްގެ ގޮތުގައި މީގެ ކުރިންވެސް ފާހަގަކުރެވިފައިވާ މީހެކެވެ. އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފައެވެ. މީގެ އިތުރުން، ސ. ހިތަދޫ / ކޯޅި، މުޙައްމަދު ޔާމީން ނަޞީރު (23އ) ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އެ ކޯޓުން އަމުރު ކޮށްފައެވެ.
ފުލުހުންގެ އިންޓަލިޖަންސްއިން ހޯދާފައިވާ މައުލޫމާތުގެ އަލީގައި މިމަހުގެ ފުރަތަމަ ދުވަހުންފެށިގެން ފުލުހުންދަނީ އައްޑޫސިޓީގައި މަސްތުވާތަކެތީގެ ޚާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންދަމުންނެވެ. މިއޮޕަރޭޝަނަކީ ބޭރުގެ އެއްވެސް އެޖެންސީއަކުން ދީފައިވާ މައުލޫމާތަކަށް ހިންގާފައިވާ އޮޕަރޭޝަނެއް ނޫންކަން ފާހަގަކުރަމެވެ.
ކޮމެންޓު ފޮނުވާ