ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް ކުޑަ ފިރިހެން ކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާކުރި ފިރިހެން ނަރުހަކު ފުރުވާލި މައްސަލާގައި އެހޮސްޕިޓަލުގެ މެނޭޖުމަންޓުގެ ތިން މުވައްޒަފެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންނާ މެދު ޖިންސީ އަމަލުހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލަތަކާ ގުޅުންހުރި މަޢުލޫމާތު ޓްރީޕޮޓް ހޮސްޕިޓަލަށް ލިބުމުން އެމަޢުލޫމާތު އެވަގުތު ރިޕޯޓް ކުރަންޖެހޭ މުއައްސަސާތަކަށް ރިޕޯޓް ނުކޮށް، އަދުލުއިންސާފު ޤާއިމް ކުރުމަށް ހުރަސްއެޅި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާކުރުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށައަޅާފައިވާކަމަށެވެ..
މިމައްސަލާގައި ދައުވާ އުފުލާފައިވަނީ، ބ. އޭދަފުށި، ފެންއާރު، ޢާދިލް މޫސާއާއި، ތ. ގުރައިދޫ، ކޮވެލިގެ، އާމިނަތު ސުހާއާއި، ސ. ހުޅުދޫ، ޑޭޒީވިލާ، ނަޛީރާ ނަޖީބުގެ މައްޗަށެވެ. އެމީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން، އެނގިހުރެ ނޭންގުމުގެ ކުށުގެ ދަޢުވާއެވެ.
ޕީޖީ އޮފީހުން ބުނީ އޭނާގެ މައްޗަށް ދައުވާ އުފުލީ 22 ޑިސެންބަރު 2020 ދުވަހު، ޓްރީޓޮޕް ހޮސްޕިޓަލްގެ ނަރުހެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ ރޮމަރ ސިމޯރާ ލަޒާޑޯ، އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގިކަން، އެނގިހުރެ، އެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިނުވާތީކަމަށެވެ.
ޕީޖީން ބުނީ މި މައްސަލައަކީ ޢާންމު ފަރާތްތަކަކުން އެ އޮފީހަށް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން ޤާނޫނުއަސާސީގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން، މިއަހަރުގެ މާރިޗު މަހު، ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤުކުރުމަށް އަމުރުކުރި މައްސަލައެއްކަމަށެވެ.
ކޮމެންޓު ފޮނުވާ