ކިޔަވާ ކުއްޖެއްގެ ގޮތުގައި ޕާކިސްތާނުގައި ދިރިއުޅެމުން ދަނިކޮށް، ޕާކިސްތާނުގެ ތާލިބާން ހަގުރާމަވެރިން އޭނާގެ ބޮލަށް ބަޑިޖެހި، ފަހުން ނޯބެލް ސުލްހައިގެ އިނާމު ހާސިލްކޮށްފައިވާ، މަލާލާ ޔޫސުފްޒާއީ ކައިވެނި ކޮށްފިއެވެ.
އަންހެން ކުދިންގެ ތައުލީމަށް ވަކާލާތުކޮށްގެން މުޅި ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ އެކްޓިވިސްޓް މަލާލާ، ރޭ ކުރި ޓްވީޓެއްގައި އޭނާ ވަނީ ކައިވެނި ކުރިކަން ހާމަކޮށްފައެވެ. އޭނާ ކައިވެނި ކުރީ އަސަރް މަލިކް ކިޔާ ޕާކިސްތާން މީހަކާއެވެ. ޕާކިސްތާންގެ ބައެއް މީޑިއާ ތަކުން ބުނާގޮތުގައި އޭނާ އަކީ އެގަމުގެ ކްރިކެޓް ބޯޑުގައި މަތީ މަގާމެއް އަދާކުރަމުންދާ މީހެކެވެ.
Today marks a precious day in my life.
Asser and I tied the knot to be partners for life. We celebrated a small nikkah ceremony at home in Birmingham with our families. Please send us your prayers. We are excited to walk together for the journey ahead.
????: @malinfezehai pic.twitter.com/SNRgm3ufWP— Malala (@Malala) November 9, 2021
މަލާލާ އާއިލާއާއެކު މިހާރު ދިރިއުޅެމުންދާ އިނގިރޭސި ވިލާތުގެ ބާމިންގހަމްގައި ވަނީ ކުޑަވަރެއްގެ ކައިވެނި ހަފްލާއެއް ބާއްވާފައެވެ. އަދި ކައިވެނީގެ ފޮޓޯތައް ހިއްސާކުރަމުން ހެޔޮ ދުޢާކޮށްދިނުމަށް ވަނީ އެދިފައެވެ.
މަލާލާ މިހާރު ކައިވެނިކޮށްފައި ވީނަމަވެސް، މިއަހަރުގެ މެދުތެރޭ އިނގިރޭސި ވިލާތުގެ ވޯގް މެގަޒިނަށް ދިން ޚާއްސަ އިންޓަވިއުއްގައި ކައިވެންޏާ ގުޅޭގޮތުން ދެއްކި ވާހަކައާ ގުޅިގެން އޭނާއަށް ފާޑުކިއުން އަމާޒުވެފައި ވެއެވެ. އެގޮތުން ކައިވެންޏަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫން ކަމަށް ސިފަވާ ގޮތަށް މަލާލާ ޖަވާބު ދީފައިވާ ކަމަށް ބުނެ އާންމުން އޭނާއާ ދެކޮޅަށް އޭރު ނުރުހުން ފާޅުކޮށްފައިވެއެވެ.
އެޑިއުކޭޝަން އެކްޓިވިސްޓެއް ކަމުގައިވާ މަލާލާ ޔޫސަފްޒާއީގެ ބޮލަށް، ތާލިބާންގެ ގޮތްޕެއް ކަމުގައިވާ، ޕާކިސްތާންގެ ތަހްރީކޭ ތާލިބާނުން ބަޑި ޖަހާފައިވަނީ، އޭނާގެ އަވަށް ކަމުގައިވާ ސްވާޓް ވެލީގައި، ބަހުގައި ސްކޫލަށް ދަނިކޮށް 2012 ވަނަ އަހަރުއެވެ. އޭރު އޭނާގެ އުމުރުން އެންމެ 15 އަހަރެވެ.
މި ހަމަލާއަށްފަހު އަންހެނުންގެ ހައްޤުތަކާއި އަންހެން ކުދިންގެ ތަޢުލީމުގެ ދާއިރާއިން އޭނާފެށި މަސައްކަތުގެ ސަބަބުން އުމުރުން އެންމެ 17 އަހަރުގައި އޭނާ ވެގެންދިޔައީ ނޯބެލް ސުލްހައިގެ އިނާމު ހޯދި އެންމެ ހަގު މީހާއަށެވެ.
މިހާރު އުމުރުން 24 އަހަރުގެ މަލާ އުފައްދާފައިވާ، ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއިން އަންހެންކުދިންގެ ތަޢުލީމަށް ޕާކިސްތާނާއި އަފްއާނިސްތާނުގައި ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މިޖަމިއްޔާއިން މިހާތަނަށް އަފްއާނިސްތާނުގައިވަނީ 2 މިލިއަން ޑޮލަރު އިންވެސްޓް ކޮށްފައެވެ. އަދި 2018 ވަނަ އަހަރު އެޖަމިއްޔާގެ ފަންޑުގައި އޭނާގެ އުފަން އަވަށުގައި އަންހެންކުދިންނަށް ހާއްސަ ސްކޫލެއްވެސް ހުޅުވާފައި ވެއެވެ.
ކޮމެންޓު ފޮނުވާ