މާލޭ ސިޓީގެ ބޭރުމަގާއެކު އިތުރު 16 މަގެއްގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ނިންމާ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ހޮޓެލް ޖެންގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ މި އެއްބަސްވުމުގައި ސިޓީ ކައުންސިލުން ސޮއިކުރެއްވީ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒެވެ. އަދި އާރް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛު މޫސާ އަލިމަނިކެވެ.
މި އެއްބަސްވުމަކީ މާލޭ ސިޓީގެ ކުރީގެ ކައުންސިލުން އާރް.ޑީ.ސީއާއެކު ޢަމަލީ މަސައްކަތް ފަށާފައިވާ "މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް"ގެ މަޝްރޫޢުގެ ސްކޯޕަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު އަލުން އެކުންފުންޏާއެކު ވެފައިވާ އެއްބަސްވުމެކެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން މާލޭގެ 105 މަގެއް ހިމެނޭހެން 51.3 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. އަދި އެންމެ ބޮޑު ބަދަލެއްގެގޮތުގައި މަޝްރޫޢުގެ ތެރެއިން މާލޭގެ ބޭރުމަގާއެކު އިތުރު 16 މަގެއްގައި ތާރުއަޅައިގެން ތަރައްޤީކުރުމެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކުރީގެ ކައުންސިލުން ވެފައިވާ އެއްބަސްވުމަށް ބަދަލުތަކެއް ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ މި މަޝްރޫޢަކީ ވަރަށް ގިނަ ބައެއްގެ މަސްލަހަތާއި ގުޅިފައިވާކަމެއްކަމުން ވީހާވެސް ކުރު މުއްދަތެއްގެ ތެރޭގައި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާލުންކަމަށެވެ. އެގޮތުން ކުރިން މި މަޝްރޫޢު ޑިޒައިންކޮށްފައިވާގޮތުން ސެގްމަންޓްތަކަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، ވަރަށް ގިނަ ދުވަސް ހޭދަވާކަމަށާއި، ނަމަވެސް އެއްބަސްވުމަށް ގެނެވުނު ބަދަލާއެކު މާލޭގެ 105 މަގެއް 2 އަހަރު ދުވަހުގެ ތެރޭގައި ޒަމާނީ ފެންވަރަށް އެއްކޮށް ތަރައްޤީކުރެވިގެންދާނެކަމަށް މޭޔަރ ވިދާޅުވިއެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މާލޭ ސިޓީ ކައުންސިލާ އާރުޑީސީ އާއި ދެމެދު ވެވޭ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިޔާތު. pic.twitter.com/W2ncYm4XJz
— Road Development Corporation Ltd (@rdcmaldives) October 11, 2021
އާރް.ޑީ.ސީގެ އިތުރުން މި މަޝްރޫޢުގައި ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއް ސްޓޭކް ހޯލްޑަރުންގެ ގޮތުގައި ބައިވެރިވާއިރު، އެ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން މި މަޝްރޫޢަށް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް މޭޔަރ ވިދާޅުވިއެވެ. އަދި މިހާ ބޮޑު މަޝްރޫޢެއް ފަށައިގެން ކުރިއަށްދާއިރު ރައްޔިތުންނަށް ވަރަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވާނެކަން ޤަބޫލުފުޅުކުރައްވާކަމަށާއި، އެހެންނަމަވެސް ހުރިހާ ފަރާތްތަކަކުން ގުޅިގެން ކުރާ މަސައްކަތުން މިކަން ހަޤީޤަތަކަށް ހެދޭނެކަމަށް މޭޔަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާރް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛު މޫސާ އަލިމަނިކު ވަނީ އެކުންފުނީގެ މަސައްކަތްތަކަށް އިތުބާރުކޮށް، މިފަދަ ބޮޑު މަޝްރޫޢެއް އެކުންފުންޏާ ގުޅިގެން ހިންގުމަށް ކައުންސިލުން ނިންމެވީތީ އެކަމަށް މަރުޚަބާ ވިދާޅުވެފައެވެ. އަދި ކައުންސިލުގެ އެދުމާއެއްގޮތަށް މި މަޝްރޫޢު ވީ އެންމެ ފުރިހަމަކޮށް ނިންމުމަަށްޓަކާއި އެކުންފުނީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ މަޝްރުޢޫގެ ތެރެއިން މާލޭގެ ބޭރުމަގާއި އިތުރު 16 މަގެއްގައި ތާރުއަޅަން ނިންމާފައިވާއިރު، މި މަޝްރޫޢުގެ ތެރެއިން ދެން އެންމެ ބޮޑު ބަދަލެއް ފެންނިގެންދާނީ މާލޭގެ އުތުރު ފަރާތު ބަނދަރު ސަރަޙައްދުންކަމަށް މާލޭ ސިޓީ ކައުންސިލުން ބުންޏެވެ.
One Response
ރަނގަޅު ފެންވަރެއްގެ ނަރުދަމާ ނިޒާމެއް ޤާއިމްނުކޮށް (5 ނުވަތަ 6 ފޫޓް ޑައިމީޓަރުގައި ހުންނަ ހޮޅިއެއް ނުލާ) މަތި މައްޗަށް ތާރު އެޅިޔަސް އަދި ފުރިހަމައެއް ނުވާނެ ދެއްތޯ.! އެވަރުގެ ހޮޅިއެއް ލައިފިނަމަ އޭގެ ފައިދާ ކޭބަލްތައް އަޅާ ބޭފުޅުންނަށް ލިބިގެންދާނެ އަދި މާލެ ތެރޭ ފެންބޮޑުވުމުގެ މައްސަލަވެސް ހައްލު ކުރެވިދާނެކަމަށް ދެކެން.