މާލެ ސިޓީ ކައުންސިލުން ވެމްކޯއަށް ދައްކަން ޖެހޭ 30.5 މިލިއަން ރުފިޔާ ނުދައްކާ އެބަ އޮތް ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.
މާލެ ސިޓީގެ ކުނީގެ މައްސަލާގައި މާލެ ސިޓީ ކައުންސިލާއި، ވެމްކޯއާއި ދެމެދު ވަރަށް ބޮޑަށް މައްސަަލަ ގޯސްވެފައިވާ މިހާލަތުގައި ވެމްކޯއިން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ ކައުސިލާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ހިދުމަތް ދިނުމުގައި އާއްމު ހިދުމަތްތަކުގެ އަގުތަކަށްވުރެ ކުޑަ އަގެއް ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް ކައުންސިލުން މިހާތަނަށް ގިނަ އަދަދެއްގެ ބިލުތައް ނުދައްކާ އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ އެޕްރީލް 16 ވަނަ ދުވަހުން ފެށިގެން މި ޕެންޑެމިކް ތެރޭގައި އަޅުގަނޑުމެން މި ގެންދިޔައީ ރަޖިސްޓްރީ ކުރިއަސް ނުކުރިޔަސް އަދި ހިދުމަތަށް ލާރި ދެއްކިޔަސް ނުދެއްކިޔަސް މިދިޔައީ ހިދުމަތް ދެމުން. ވަރަށް ދިގު މުއްދަތަކަށް އެ ފައިސާ ނުދެއްކި ނަމަވެސް މިދިޔައީ ހިދުމަތް ދެމުން.
– އާދަމް ވިދާޅުވި
އާދަމް ވަނީ ގެތަކުން ކުނި ނެގުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކުރި ކަމަށް ބުނެ ސިޓީ ކައުންސިލުން ދައްކަމުން އަންނަ ވާހަކަތައް ވެސް ދޮގު ކުރައްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި މި އެއްބަސްވުމަކީ މާލެ އާއި ވިލިމާލޭގެ މަގުތައް ކުނި ކަހާ ކުނި ނެގުމާ ގުޅޭ އެއްބަސްވުމެކެވެ. އަދި މިގޮތަށް ވެވުނު އެންމެ ފުރަތަމަ އެއްބަސްވުމުގައި ސޮއި ކުރެއްވީ މިހާރުގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އާދަމް ވިދާޅުވީ ވެމްކޯގެ ވެހިކަލް ކޮންމެ ފަހަރަކު މަޑުކޮށްގެން އޮންނަނީ ޕޭވްމަންޓްގެ އެއްފަޅީގައި ކަމަށާއި އެކަމުގެ ސަބަބުން ހިނގާ މީހުންނަށް ވެސް އުނދަގޫވާ ކަމަށެވެ. ކޮންމެ ދުވަހަކު ހަވީރު 6:00 އިން ރޭގަނޑު 11:00 އަށް މާލޭގެ އެކި ސަރަހައްދުތަކުގައި ވަކި ޕޮއިންޓްތަކެއް ވެމްކޯގެ ވެހިކަލް ބާއްވަން ހުސްކޮށްދޭނެ ކަމަށް ކައުންސިލުން ބުނިނަމަވެސް އެކަން ނުކޮށްދޭ ކަމަށްވެސް ވިދާޅުވިއެވެ.
ކޮވިޑް-19އާ ގުޅިގެން، ވެމްކޯއިން ކުނި ނަގާ އުސޫލަށް ގެނައި ބަދަލުތައް ރެއިން ފެށިގެން ވަނީ އުވާލައިފަ އެވެ. އެހެންކަމުން ދެން ކުނި ނަގާނީ ކުރިން ވެސް ނަގަމުން އައި ގޮތަށް ރަޖިސްޓްރީ ކޮށްފައިވާ ގެތަކުން ވަކި ވަކި އެޕާޓްމަންޓުތަކަށް ވެމްކޯގެ މުވައްޒަފުން ގޮސްގެންނެވެ. ނަމަވެސް ރެއިން ފެށިގެންވަނީ ގޭބިސީތަކަށް ވަދެ ކުނި ނެގުމަށް ނިންމާފައެވެ.
މިގޮތަށް ނިންމާފައިވީނަމަވެސް މިއަދު ގިނަ ގޭގޭގެ ކައިރީގައި ކުނި ނުނަގާ ހުރުމުން މާލެ ސިޓީ ކައުންސިލުން ވަނީ ބައެއް ސަރަހައްދު ތަކުގައި ހުރި ކުނިތައް ނަގައިގެން ގޮސް ވެމްކޯގެ ކުނި އުކާލާ ސައިޓުގެ ގޭޓު ކުރިމައްޗަށް އަޅާލާފައެވެ. މިކަމުގައި މާލެ ސިޓީ ކައުންސިލުން ވަނީ ފަހުން މަޢާފަށް އެދިފައެވެ.