ރޭ ހުޅުމާލޭ ޖަލުގައި ނިޔާވި ގދ.ވާދޫ ޖަނަވަރީގޭ މުހައްމަދު އަސްލަމް ޖަލުގެ ޔާޑުގައި އިށީގެ އިންދާ ވެއްޓުނާ 8 މިނިޓް ތެރޭގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށުނުކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
ހޯމް މިނިސްޓްރީން ވަނީ ގައިދީއަށް ފަރުވާދިން ކަރެކްޝަން އޮފިސަރުން މަސައްކަތް ކޮށްފައިވާ ޓައިމްލައިނެއް ހާމަކޮށްފައެވެ.
ރޭ އިރާކޮޅު ހުޅުމާލޭ ޖަލުގައި ޤައިދީއަކު ނިޔާވުމާ ގުޅިގެން އިންޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސަސް ގެންދަވަނީ އެމައްސަލަ ތަހުޤީޤުކުރައްވަމުން. ސީީސީޓީވީ ފޫޓޭޖް، ޖަލު އޮފިސަރުން އަދި ޤައިދީން ދީފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ހާދިސާ ހިނގާދިޔަގޮތުގެ ޓައިމްލައިން? pic.twitter.com/am15DJ4Ogn
— Home Ministry, MV (@HomeMinistrymv) September 14, 2021
މިކަމާއި ގުޅިގެން ކަރެކްޝަނަލް ސާވިސް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރޭ ގާތްގަނޑަކަށް 18:00 ހާއިރު، މުޙައްމަދު އަސްލަމް ޔާޑު ސަރަހައްދުގައި އިށީނދެ އިންދައި، ކުއްލިއަކަށް ވެއްޓުމާ ގުޅިގެން 8 މިނެޓްތެރޭ ވަނީ އެމަޖެންސީ ހާލަތުގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިފައިވާކަމަށެވެ. އަދި ޢާއިލާއަށް 18:30 ގައި ގުޅަން މަސައްކަތްކޮށް، ގުޅިފައިވަނީ 18:42 ގައިކަމަށެވެ. އޭނާއަކީ އެއްވެސް ބޮޑު ބައްޔަކަށް ބޭސްފަރުވާ ކުރަމުންދިޔަ ފަރާތެއް ނޫން ކަމަށާއި، އަދި އަސްލަމްގެ ބޮލަށް ގެއްލުން ލިބިފައި ވަނީ އޭނާ އިށީނދެ އިންދައި ވެއްޓުމާ ގުޅިގެން ކަމަށް ކަރެކްޝަނުން ބުނެއެވެ.
މި މަންޒަރު ހުޅުމާލެ ޖަލުގެ ސީސީޓީވީ ފުޓޭޖްއިން ސާފުކޮށް ފެނޭ. ހުޅުމާލެ ހޮސްޕިޓަލުން ފަރުވާދިނުމަށް ފަހު، އޭނާ ނިޔާވެފައިވާކަމަށް މި ސަރވިސްއަށް އަންގާފައި ވަނީ، 2021 ސެޕްޓެމްބަރ 13 ވަނަ ދުވަހުގެ ރޭ 20:23 ގައި. މަރުގެ ސެޓްފިކެޓްގައި މަރުގެ ސަބަބު ދެނެގަނެފައި ނުވާކަމަށާއި ނިޔާވެފައިވާ ވަގުތަކީ 18:55 ކަމަށް ބަޔާންކޮށްފަ.. މި ޙާދިސާއާ ގުޅިގެން މި ސަރވިސްއިން އިސްވެ ވާނީ 2021 ސެޕްޓެމްބަރ 13 ވަނަ ދުވަހުގެ ރޭ އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް އަންގާފަ. އަދި އެފަރާތްތަކުން ހޯދުމަށް އެދޭ އެންމެހާ ޢުލޫމާތު މި ދަނީ ފޯރުކޮށްދެމުން.
– ކަރެކްޝަނުން ބުނެފައިވެއެވެ.
ކަރެކްޝަނުން ބުނެފައިވަނީ މި މައްސަލައިގެ އިންޓަރނަލް ތަޙުޤީޤު ދަނީ ކުރަމުން ދާކަމަށެވެ. މުޙައްމަދު އަސްލަމް އަނިޔާ ކޮށްފައިވާކަމަށް ބުނެ ޢާއިލާއާ ޙަވާލާދީ ފަތުރާ ޚަބަރަކީ މަޢުލޫމާތެއް ނޫންކަމަށާއި އެއްވެސް އަނިޔާއެއް މުޙައްމަދު އަސްލަމަށް ދީފައި ނުވާކަމަށާއި، ހަޤީޤަތް އޮޅޭފަދަ ގޮތްގޮތަށް މިފަދަ ޚަބަރުތައް ފެތުރެމުންދާތީ، އެކަމާމެދު ކަންބޮޑުވާކަމަށް ވަނީ ބުނެފައެވެ.