އަސްލަމް ނިޔާވި މައްސަލައިގެ މިނިވަން ތަޙްޤީޤެއް ހިންގުމަށް މަޖިލީހަށް ކުއްލި މައްސަލައެއް

އަސްލަމް ނިޔާވި މައްސަލައިގެ މިނިވަން ތަޙްޤީޤެއް ހިންގުމަށް މަޖިލީހަށް ކުއްލި މައްސަލައެއް

Author
މުޙައްމަދު ޝަޒައިމް
14 ސެޕްޓެމްބަރ 2021 09:44
0

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު ކުއްލި ގޮތަކަށް ނިޔާވި މައްސަލައިގައި ކަމާބެހޭ ފަރާތްތަކުން އިހުމާލުވެފައިވާ ކަމަށް ޢާއިލާއިން ކުރާ ތުހުމަތު ތަޙްޤީޤުކޮށްދިނުމަށް ސަރުކާރަށް ގޮވާވާ ހުށައަޅާ ކުއްވި މައްސަލައެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. މިމައްސަލާގައި ބުނެފައިވަނީ ހުޅުމާލޭ ޖަލުގައި 3 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ގދ.ވާދޫ ޖަނަވަރީގެ ޢުމުރުން 40 އަހަރުގެ މުޙައްމަދު އަސްލަމް ރޭ ކުއްލި ގޮތަކަށް ނިޔާވެފައިވާއިރު، މުޙައްމަދު އަސްލަމްގެ މަރުގެ މައްސަލަ ޢާއިލާއަށް ނާންގާ ސިއްރު ކުރުމަށް މުސައްކަތްކޮށްފައިވާ ކަމަށް ޢާއިން ބުނަމުންދާކަމަށެވެ.

ހުޅުމާލޭ ޖަލުގައި އޭނާ ހުއްޓާ ބަލިވެގެން ހުޅުމާލޭ ހޮސްޕިޓަލަށް އިއްޔެ ހަވީރު 5:30 ހާއިރު ގެންދެވިފައިވާ ކަމަށާއި ނަމަވެސް ޢާއިލާއަށް މިކަމުގެ މަޢުލޫމާތު ލިބިފައިވަނީ މުޙައްމަދު އަސްލަމް ނިޔާވެއްޖެ ކަޚަށްބުނެ އެހެން ފަރާތަކުން ގުޅާފައި ދިން މަޢުލޫމާތަކުން އިރުއޮއްސި ހަތެއްޖެހިފަހުން ކަމަށެވެ. މިމަޢުލޫމާތު ލިބިގެން ޢާއިލާގެ ފަރާތުން ހުޅުމާލޭ ހޮސްޕިޓަލަށްގޮސް އެތަނުގައިތިބި ކަރެކްޝަންސްގެ އޮފިޝަލުންނާ ސުވާލުކުރުމުން އަސްލަމްއަށް ފަރުވާ ދެމުންދާކަމަށް ބުނެފައިވާ ކަމަށާއި، އޭގެ ފަހުން އެތައް އިރެއްވީއިރުވެސް އެއްވެސް މަޢުލޫމާތެއް ނުލިބިގެން ގަދަކަމުން ހޮސްޕިޓަލްގައި މުޙައްމަދު އަސްލަމް ބާއްވާފައި އޮތް ކޮޓަރިއަށް ޢާއިލާގެ ފަރާތުން ވަތް އިރު އޭނާ މަރުވެގެން އެތައް އިރެއް ވެފައިވާކަމަށް ޢާއިލާއަށް އެނގިފައިވާ ކަމަށެވެ.

ގައިދީއަކަށް ސިއްއީ ކުއްލި މައްސަލައެއް ކުރިމަތިވެއްޖެނަމަ ގުޅަންޖެހޭ އިމަރޖެންސީ ނަމްބަރެއް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހިއްސާ ކުރެވިފައިވާއިރު މިފަދަ ޙާދިސާއެއް ހިނގާ އިންސާނެއްގެ ފުރާނަ ނެތިގެން ދިޔައިރު އެ ފަރާތަށްވެސް އަންގާފައިނުވާކަމަށް މިމައްސަލާގައި ބުނެފައިވެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މިފަދަ ކަންކަމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި ޚިލާފަށް ކަންކަން ކޮށްފައިވާތީ، މުޙައްމަދު އަސްލަމް ނިޔާވި މައްސަލައިގެ މިނިވަން ތަޙްޤީޤެއް ހިންގަވާ ދެއްވާ، މިކަމުގައި އިހުމާލުވެފައިވާ ފަރާތްތަކަށް ފިޔަވަޅު އަޅުއްވާ ދެއްވުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ވަނީ ގޮވާލާފައެވެ. 

ކަރެކްޝަނުން ބުނެފައިވަނީ ނިޔާވެފައިވަނީ ހުޅުމާލެ ޖަލުގައި 3 (ތިން) އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންދިޔަ ގދ. ވާދޫ/ ޖަނަވަރީގެ، އުމުރުން 40 އަހަރުގެ މުޙައްމަދު އަސްލަމް ކަމަށެވެ. އޭނާ ރޭ ގާތްގަނޑަކަށް 6:00 ޖަހާ އެހާކަށްހާއިރު ޔާޑު ސަރަހައްދުގައި އިށީދެގެން އިންދާ ކުއްލިއަކަށް ވެއްޓުމާ ގުޅިގެން އިމަރޖެންސީ ހާލަތުގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، އަދި ހޮސްޕިޓަލުން ބެލުމަށްފަހު އޭނާ ނިޔާވެފައިވާ ކަމަށް ރޭ 20:23 ގައި މައުލޫމާތު ދީފައިވާކަމަށެވެ.

އަސްލަމަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޛުކުރަމުންދިޔަ މީހެކެވެ. އަދި ނިޔާވިއިރު މީނާއަކީ ބޮޑު ބައްޔަކަށް ބޭސްފަރުވާ ކުރަމުންދިޔަ މީހެއް ނޫންކަމަށް ކަރެކްޝަނުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.