ރުފިޔާދީގެ ރައީސް އޮފީހުން ކަންކަން ކުރި މީހަކު ހޯދާ ރައީސް ފިޔަވަޅު އަޅުއްވާނެ: ދޮންބިލެތް

ރުފިޔާދީގެ ރައީސް އޮފީހުން ކަންކަން ކުރި މީހަކު ހޯދާ ރައީސް ފިޔަވަޅު އަޅުއްވާނެ: ދޮންބިލެތް

Author
ހުސެއިން
12 ސެޕްޓެމްބަރ 2021 08:20
0

ރައީސް އޮފީސްތެރެއިން ރުފިޔާ ދީގެން ހުކުމް ނެރޭ ވާހަކަ އެންމެ ފުރަތަމަ ވިދާޅުވީ ރައީސް ނަޝީދު ކަމަށާއި، އެއީ އެމްޑީޕީގެ ރައީސް ކަމުން، އެއީ އެމްޑީޕީން ދައްކާ ވާހަކައެއް ކަމަށާއި، އެމްޑީޕީން އެވާހަކަތައް ތަކުރާރުކޮށް ދައްކަމުން ދަނީ އެހެންވެގެން ކަމުގައި، ރައްޔިތުންގެ މަޖިލިހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު ދޮންބިލެތް އަހުމަދު ހަލީމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީން ގެނެސްދޭ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ދޮންބިލެތް ވިދާޅުވީ، އެމްޑީޕީގެ ރައީސުލްޖުމްހޫރިއްޔާވެސް، އެމްޑީޕީގެ އެއްވެސް މެމްބަރަކުވެސް، ޝަރުޢީ ނިޒާމަކަށް ނުފޫޒް ފޯރުވާކަށް އަތެއް ނުބާނާނެ ކަމަށާއި، އެއީ ޔަގީންކަމެއް ކަމުގައެވެ. އަދި އެފަދަ ކަމެއް މިހާތަނަށް ކޮފައެއްވެސް ނޯންނާނެ ކަމުގައެވެ.

ދޮންބިލެތް ވިދާޅުވި ގޮތުގައި، އެބޭފުޅުން، މަގުމަތިން ވަރަށް ބޮޑަށް ދަންނަ މީހުން އައިސް ކަންކަން ތަޖުރިބާ ކޮށްފަ، ވާހަކަތައް ދެއްކީމަ، އެވާހަކަ ދައްކަވަނީ އިސްލާޙު ކުރުމަށްޓަކާ ކަމަށެވެ.

ދޮންބިލެތް ވިދާޅުވީ، ރުފިޔާ ދީގެން ރައީސް އޮފީހުން ކަންކަން ކުރި މީހަކު ހޯދާ ރައީސުލްޖުމްހޫރިއްޔާ ފިޔަވަޅު އަޅުއްވާނެކަމަށް އޭނާއަށް ވަރަށް ބޮޑަށް ޔަގީންކަން އެބައޮތް ކަމުގައެވެ.

"މިހާރުވެސް ރައީސް އޮފީސް ތެރޭގައި އެ ފިޔަވަޅު އެޅުއްވުމުގެ މަސައްކަތް އަޅުގަޑަށް އެގިފަ އޮތް މިންވަރުން ކުރިޔަށް އެބަދޭ، އެހަލަ ކަންތައްތަކުގަ ހުރި"

– ދޮންބިލެތް ވިދާޅުވިއެވެ.

ދޮންބިލެއް ވިދާޅުވި ގޮތުގައި، ރައީސް އިބުރާހިމް މުހައްމަދު ސާލިހަކީ، ކުޑަކުޑަ ތަންކޮޅެއް ކަންކަން ލަސްކުރައްވާ ބޭފުޅެއް ކަމަށާއި، އެހެންނަމަވެސް، މިމައްސަލާގަ ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން އޮތް ކަމުގައި ދޮންބިލެތް ވިދާޅުވިއެވެ.

ދޮންބިލެތް ވިދާޅުވީ އަމިއްލަ ސަރުކާރެއް އޮވެމެ، މިކަންކަމާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން އޮތީމަ އަދިވެސް އެވާހަކަތައް ދައްކަމުން ދާނެ ކަމުގައެވެ.

ދާދިފަހުން، ލީކުވެފައިވާ އޯޑިއޯގައި ދެކެވިފައިވާ ވާހަތަކާއި، ޝަރުއީ ދައިރާއަށް ނުފޫޒު ފޯރުވާކަމަށް ދެކެވޭ ވާހަކަތާއި ގުޅިގެން، އެމްޑީޕީން އެވާހަކަތައް ރައްދު ކުރަމުންދާ، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ދާދި ފަހުން ވިދާޅުވެފައިވަނީ، އެވާހަތަކަކީ އެއްވެސް ހަގީގަތެއްނެތް ދޮގު ވާހަތަކެއްކަމަށާއި، އޭނާ ޝަރުޢި ދާއިރާއަށް ނުފޫޒު ފޯރުވުމަށް ވާހަކަ ދައްކަވާފައިވާ އަސްލު އޯޑިއޯއެއް ލީކްވެއްޖެ ނަމަ މަގާމުން އިސްތިއުފާ ދެއްވާނެކަމަށެވެ.

އަދި އެވާހަތަކަކީ އެއްވެސް ހަގީގަތެއްނެތް ދޮގު ވާހަތަކެއްކަން ހާމަކޮށްދިނުމަށް 7 ފަހަރު ﷲ ގަންދީ ހުވާ ކުރެއްވުމަށްވެސް ތައްޔާރަށް ހުންނެވި ކަމަށްވެސް، ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، ޝަރުއީ ދާއިރާއަށް ނުފޫޒް ފޯރުވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ފިޔަވަޅު އަޅުއްވަމުން ގެންދަވާކަމަށް ދޮމްބިލެތް އަހުމަދު ހަލީމް ވިދާޅުވެފައިވާއިރު، އޭނާއަކީ، ރައްޔިތުންގެ މަޖިލިހުގެ، ރައީސް ނަޝީދު ފެކްޝަނަށް ނިސްބަތްވާ ބޭފުޅެއްކަން ފާހަގަ ކޮށްލެވެއެވެ.

އަދި ބައެއްކަންކަމުގައި އޭނާއަކީ ވަރަށް ބޮޑަށް ސަރުކާރަށާއި، ރައީސުލްޖުމްހޫރިއްޔާއަށް ފާޑުވިދާޅުވަމުންގެންދަވާ މެމްބަރެއްކަންވެސް ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.